ރިޔާޒު (އޮގަސްޓު 7): ސައުދީ އަރަބިއާއިން ހައްޔަރު ކުރި އެކްޓިވިސްޓުން ދޫކޮށްލުމަށް ކެނެޑާއިން ގޮވާލުމާ ގުޅިގެން، ސައުދީގެ ދައުލަތުގެ އެއާލައިނުން ކެނެޑާއަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.

ސައުދީން އެފަދައިން ނިންމީ ހަމަ އެމައްސަލައިގައި އެގައުމުގައި ހުންނަވާ ކެނެޑާ ސަފީރު ފޮނުވާލައި، ދެ ގައުމުގެ މެދުގައި އާ ވިޔަފާރީގެ އެއްބަސްވުންތަކާއި އިންވެސްޓުމެންޓުތައް ހެދުން ހުއްޓާލަން މިދިޔަ އާދިއްތަ ދުވަހު ނިންމި ފަހުންނެވެ.

މިދިޔަ ހަފްތާގައި ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ފާއިތުވި ތިން މަސް ތެރޭ ސައުދީން ވަނީ 15 އެކްޓިވިސްޓުން ހައްޔަރުކޮށްފައި އެވެ. އަދި އޭގެ ތެރެއިން އަށް މީހަކު ދޫކޮށްލި ނަމަވެސް ބައެއް މީހުންނަށް ވީގޮތެއް ނޭނގޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސައުދީން ހައްޔަރު ކުރި އެކްޓިވިސްޓުންގެ ތެރޭގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ދެއްވާ އިންޓަނޭޝަނަލް ވިމެން އޮފް ކަރެޖް އެވޯޑް 2012 ވަނަ އަހަރު ހާސިލުކޮށްފައިވާ ސަމަރު ބަދަވީ ހިމެނެ އެވެ.

އޭގެ ސަބަބުން ހުކުރު ދުވަހު ކެނެޑާއިން ވަނީ ސައުދީން އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާތީ ކަންބޮޑުވާ ކަމަށާއި އެމީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައި އެވެ.

އަދި ކެނެޑާއަށް ރައްދު ދެމުން ސައުދީން ވަނީ، އެއީ އެގައުމުން ސައުދީގެ ދާހިލީ ކަންތައްތަކަށް ބާރު ފޯރުވަން މަސައްކަތް ކުރުން ކަމަށާއި އެފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

ކެނެޑާއިން ވަނީ ސައުދީން އެގައުމުގެ ޑިޕްލޮމެޓުން ބޭރުކޮށްލުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެގައުމުން އަބަދުވެސް، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް ތާއިދުކުރާނެ ކަމަށް ބުނެފަ އެވެ.