07 Aug 2018, 14:09
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލުމަށް 45،000 މީހުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަން(އީސީ) އިން ބުނެފިއެވެ.
އީސީގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ، ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ވޯޓުލުމަށް އީސީއަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން މިހާތަނަށް 45،000 ހާސް މީހުންގެ ފޯމް ޕްރޮސަސްކޮށް ނިމި ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި ރީ-ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން އެސްއެމްއެސް ލިބޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ރީ-ރަޖިސްޓްރީވުމަށް ގިނަ އަދަދެއްގެ ފޯމްތައް އިލެކްޝަނަށް ހުށަހަޅަމުންދާކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ ވޯޓްލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައްސަލައެއް އުޅޭނަމަ އެކަން އިސްލާހުކުރުމަށް މުއްދަތު ހަމަވާ ދުވަހުން ފެށިގެން އިތުރު ތިން ދުވަސް ދޭނެ ކަމަށެވެ. ރި-ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
އީސީއަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން 2000 ފޯމްގައި ޖަހާފައިވާ ފިންގާ ޕްރިންޓްގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އިޝާރާތް ކުރައްވައި އަކްރަމް ވިދާޅުވީ، އޮޅުވާލައިގެން ފިންގާޕްރިންޓް ޖަހާފައިވާނަމަ އެ ފޯމެއް ބާތިލް ކުރާނެ ކަމަށެވެ.
ރީރަޖިސްޓްރޭޝަން ފޯމުތައް ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އަށް ބާ ޖަމާލުއްދީނުގައި ހުންނަ އިންތިހާބީ މަރުކަޒުން ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަހު ފޯމުތައް ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށެވެ.
ހުކުރު ދުވަސް ފިޔަވައި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:30 އިން ހަވީރު 5:00 އަށް ފޯމުތައް ބަލައިގަންނާނެއެވެ.
އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް 60000 މީހުން ރީ ރެޖިސްޓްރީ ވި އިރު މި އަހަރުގެ އިންތިހާބަށް އެއަށް ވުރެ ގިނަ އަދަދެއްގެ މީހުން ރީރަޖިސްޓްރީ ވާނެ ކަމަށް ބެލެވެއެވެ.