07 Aug 2018, 14:01
ތެހެރާން(އޮގަސްޓު 7): އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށް ދެ ގައުމުގެ މެދުގައި މަޝްވަރާތައް ނުބޭއްވޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ދެހާސްފަނަރަ ވަނަ އަހަރު ހެދި އީރާން ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އެމެރިކާއިން އަނެއްކާވެސް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން ރޫހާނީ ވަނީ އެއީ އެގައުމުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ.
"އެކަކަކީ ދުޝްމަނަކަށްވެ ހުރެ އަނެކާގެ ގަޔަށް ވަޅިއެއް ޖެހުމަށް ފަހު، އެމީހާއާ ވާހަކަ ދައްކަން ބޭނުން ނަމަ ފުރަތަމަ ޖެހޭނީ އެވަޅި ނަގަން. ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށް މަޝްވަރާ ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން،" ރޫހާނީ ވިދާޅުވި އެވެ.
އަދި އެމެރިކާއިން މަސައްކަތް ކުރަނީ އީރާނާ ދެކޮޅު ޕްރޮޕަގަންޑާ ފަތުރައި، ސައިކޮލޮޖިކަލް އޮޕަރޭޝަންތައް ބޭނުންކޮށްގެން އެގައުމުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދަން ކަމަށްވެސް ރޫހާނީ ތުހުމަތުކުރެއްވި އެވެ.
އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އީރާނުން އެގައުމުގެ ޑޮލަރު ގަތުން ހުއްޓުވުމާއި ރަނާއި ދަގަނޑުގެ ވިޔަފާރި ހުއްޓުވުން ހިމެނެ އެވެ.
މީގެ އިތުރުން އީރާނުގެ ތެލުގެ ވިޔަފާރިއަށް އަމާޒުކޮށް އަންނަ ނޮވެމްބަރު މަހު އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެއެވެ.
މިއަހަރުގެ މޭ މަހު އެމެރިކާއިން އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވި ފަހުން އީރާނުގެ ފައިސާގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ވެއްޓިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ޖެހޭނީ އެގައުމުގެ މިސައިލް ޕްރޮގްރާމް ހުއްޓާލައި ޓެރަރިޒަމަށް ތާއިދު ކުރަން ހުއްޓާލުން ނުވަތަ އިގުތިސާދީ ގޮތުން އެކަހެރިވުން ހިޔާރު ކުރަން ކަމަށް ވިދާޅުވެފައި އެވެ. (އަލްޖަޒީރާ)