ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ބެހޭ ގޮތުން ކުރީގެ ނާއިބު ރައީސް އަދީބު ހެއްދެވީ ދޮގު ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބަދު ވެސް އިރުޝާދު ދެއްވަމުން ގެންދެވީ ރިލުވާންގެ މައްސަލައިގެ ހަގީގަތް ހޯދަން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ނެރުއްވި ބަޔާނެއްގައި، ކެބިނެޓް ފެންވަރުގައި ރިލްވާނުގެ މައްސަލަ ބަލަން އުޅެނިކޮށް ރައީސް ޔާމީން އެކަން ހުއްޓުވާފައިވާ ކަމަށް ބުނެ ބުނެފައިވާ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ޝައިނީ ވިދާޅުވީ އަދީބްގެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ﷲ ސުބްހާނަހޫ ވަތައާލާގެ ހެޔޮ ރަހުމަތްފުޅުން މި ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް ކެބިނެޓްގެ ވަޒީރަކަށް ވާ އިރު، އަދީބު ރައީސް ޔާމީންގެ ބޮލުގައި އެޅުވި ތުހުމަތުތައް ދޮގުކުރަން. ރައީސް ޔާމީން އަބަދު ވެސް އިރުޝާދު ދެއްވީ އަދި ދެއްވަނީ ރިލުވާންގެ މައްސަލައިގެ ހަގީގަތް ހޯދަން." ޝައިނީ ވިދާޅުވި އެވެ.

ގދ. މަޑަވެލި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމައި، އެ ރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ރިލްވާން ނިޔާވެފައި ކަމަށާއި އެކަމުގައި ޝައްކެއް ވެސް ނެތް ކަމަށެވެ.

އަދި އަދީބުގެ ބަޔާނަށް ރައްދުދެއްވައި ރައީސް ޔާމީން ވެސް ވިދާޅުވީ އަދީބުގެ ވާހަކަތަކަކީ ބުހުތާނު ދޮގު ކަަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ވަނީ މިކަހަލަ ބުހުތާނު ދޮގު. ބޮޑެތި ހުކުމް އައިސްފައި ތިބި މުޖުރިމުން މިކަހަލަ ވާހަކަ ދެއްކީމަ އެ ވާހަކަ ނޫސްތަކުގައި ކެރީ ކުރީމަ އަޅުގަނޑު ހިތާމަކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަކީ ހުރިހާ ފެންވަރެއްގައި ވެސް ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ "މިއުޅެނީ މީހަކު މަރުވެގެން" ކަމަށެވެ. އެކަހަލަ ކަންކަމަކީ ދައުލަތަކަށް ބޮޑުވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ރިލްވާނުގެ މައްސަލާގައި ކެބިނެޓް ފެންވަރުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގަކީ ފެށުނީއްސުރެ ފުލުހުން ކުރާ ތަހުގީގެއް. މިހާރު ވެސް ފުލުހުން އެ ތަހުގީގުކުރަމުން އެބަދޭ. އަފްރާޝީމްގެ މަރުގެ މައްސަލަ އަޅުގަނޑުމެންނަށް ބެލެން ޖެހޭ. ރިލުވާނުގެ މަރުގެ މައްސަލަ ބެހެލެން ޖެހޭ. ދެންވެސް ތިބި މީހުންގެ މަރުގެ މައްސަލަ ބެލެންޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކެބިނެޓް ފެންވަރުގައި އެ މައްސަލަ ބަލާނީ ކިހިނެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވައިފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ކެބިނެޓުން ކޮމިޓީއެއް ނަގައިގެން ކުރި މަސައްކަތަކީ "ރައީސް ޔާމީންގެ ލޯންޗު ގޮއްވާލަން އަހުމަދު އަދީބު ކުރި މަސައްކަތް ތަހުގީގުކުރުން" ކަމަށެވެ.