07 Aug 2018, 12:32
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަނީ ނިޔާވެފައި ކަމަށާއި އެކަމުގައި ޝައްކެއްވެސް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ކެބިނެޓް ފެންވަރުގައި ރިލްވާނުގެ މައްސަލަ ބަލަން އުޅެނިކޮށް ރައީސް ޔާމީން އެކަން ހުއްޓުވާފައިވާ ކަމަށެވެ. މިއަދު ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން އަދީބުގެ ވާހަކަފުޅަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ އެއީ "ބުހުތާން ދޮގެއް" ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ވަނީ މިކަހަލަ ބުހުތާނު ދޮގު. ބޮޑެތި ހުކުމް އައިސްފައި ތިބި މުޖުރިމުން މިކަހަލަ ވާހަކަ ދެއްކީމަ އެ ވާހަކަ ނޫސްތަކުގައި ކެރީ ކުރީމަ އަޅުގަނޑު ހިތާމަކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަކީ ހުރިހާ ފެންވަރެއްގައި ވެސް ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ "މިއުޅެނީ މީހަކު މަރުވެގެން" ކަމަށެވެ. އެކަހަލަ ކަންކަމަކީ ދައުލަތަކަށް ބޮޑުވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ރިލްވާނުގެ މައްސަލައިގައި ކެބިނެޓް ފެންވަރުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގަކީ ފެށުނީއްސުރެ ފުލުހުން ކުރާ ތަހުގީގެއް. މިހާރު ވެސް ފުލުހުން އެ ތަހުގީގުކުރަމުން އެބަދޭ. އަފްރާޝީމްގެ މަރުގެ މައްސަލަ އަޅުގަނޑުމެންނަށް ބެލެންޖެހޭ. ރިލުވާނުގެ މަރުގެ މައްސަލަ ބެހެލެން ޖެހޭ. ދެންވެސް ތިބި މީހުންގެ މަރުގެ މައްސަލަ ބެލެންޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ކެބިނެޓް ފެންވަރުގައި އެ މައްސަލަ ބަލާނީ ކިހިނެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދައިފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ކެބިނެޓުން ކޮމިޓީއެއް ނަގައިގެން ކުރި މަސައްކަތަކީ "ރައީސް ޔާމީންގެ ލޯންޗު ގޮއްވާލަން އަހުމަދު އަދީބު ކުރި މަސައްކަތް ތަހުގީގުކުރުން" ކަމަށެވެ.
"އަޅުގަނޑުމެންގެ ތަހުގީގު ހިމެނޭ ގޮތަށް ފުލުހުންނާއި ސިފައިން ދެންވެސް އެ ތަހުގީގު ކުރި. އެހެންވީމަ މިއަދު ވެސް އަހުމަދު އަދީބު ބުނެދޭންޖެހޭ ނޫންތޯ ކީއްވެގެންތޯ. ރައީސް އެކަންޏެއް ނޫން. އެ ފަހަރު ހައްޖުވެގެން އައި އެންމެންނާ އަދި އަޅުގަނޑުމެން ބަލާދިޔަ، އަޅުގަނޑުމެންގެ އާއިލާ މީހުން އެންމެން ތިއްބާ ލޯންޗު ގޮއްވާލަން މަސައްކަތް ކުރީ. މިވަރު މީހަކު ދައްކާ ވާހަކަ މިހާރު ނޫސްތަކުގައި މިއީ ނިއުސް އައިޓަމް ކަމަށް މި ޖަހަނީ" ރައީސް ޔާމީން ވިދާޅުވި އެވެ.
މީހުންގެ މަރުގެ މައްސަލަ ކެބިނެޓުން ނުބަލާނެ ކަމަށާއި އެއީ ފުލުހުންގެ މަސައްކަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިއަދު ވެސް އެއަށް ޖަވާބުދާރީ ވާނެ ކަމަށެވެ.