އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ "ލިސްޓީރިއާ މޮނޮސައިޓޮޖެންސް"އިން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓޯ (އެމްއެފްޑީއޭ)އިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދިވެސް އެ ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖެއަށް އެތެރެވަމުންދާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ އެތެރެކުރާ ގަނޑުކުރި ތަރުކާރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިމްޕޯޓު ކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށާއި އެ އުފެއްދުންތަކުގެ ނުރައްކަލަށް ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޔޫރަޕުން އިމްޕޯޓްކުރާ ގަނޑުކުރި ތަރުކާރީ އަދި މޭވާއަށް ހެލްތު ކްލިއަރެންސް މިހާރު ދޭން ހަމަޖެހިފައި ވަނީ އިމްޕޯޓް ކުރާ ގައުމެއްގެ ކޮމްޕިޓެންޓް އޮތޯރިޓީއެއްގެ ފައިޓޯސެނިޓަރީ ސެޓްފިކެޓް ހުށަހެޅުމުން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެ މިސެޓްފިކެޓް ހުށަނާޅައި ސިޕްމަންޓްތަކަށް ހެލްތު ކްލިއަރެންސް ދެވޭނީ އިމްޕޯޓް ކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި އެކްރެޑިޓް ކޮށްފައިވާ ލެބޯރަޓަރީއަކުން ތަހްލީލްކޮށް އެތަހްލީލްގެ ނަތީޖާ ހުށަހެޅުމުން އެއަށް ރިއާޔަތްކޮށް ބެލުމަށް ފަހު ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"ލިސްޓީރިއާ މޮނޮސައިޓޮޖެންސް" އަކީ ސިކުނޑި އަދި ސްޕައިނަލް ކޯޑު ފަދަ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި އިންފެކްޝަން އުފައްދާ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާ އަކީ މާބަނޑު އަންހެނުންނަށާއި، އަލަށް ވިހާ ކުދިންނަށާއި، އުމުރުން ދަވަސްވީ މީހުންންގެ އިތުރުން ދިފާއީ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ހާއްސަކޮށް ނުރައްކާތެރި ބެކްޓީރިއާއެކެވެ.