18 Sep 2011, 15:56
ނިޔުޔޯކް (ސެޕްޓެމްބަރ 18) : އެމެރިކާގެ ރަސްމީ އިދާރާތަކުގައި ހިނގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކާ ދެކޮޅަށް އެޤައުމުގެ އެތަށް ސަތޭކަ ބަޔަކު ނިޔުޔޯކްގެ ވޯލްސްޓްރީޓް ގެ ކައިރީގައި މުޒާހަރާކޮށް އަޑުއުފުލައިފިއެވެ.
މުޒާހަރާކުރި މީހުންބުނީ އެމެރިކާގެ އިޖްތިމާޢީ ބަޖެޓްގެ ޚަރަދުތައް ކުރުމުގައި ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ކަމަށާއި އެމެރިކާގެ މާލީ ނިޒާމަކީ ބާރާއި ނުފޫޒުގަދަ މީހުންނާއި މުއްސަނދީންނަށް މޮޅުވާގޮތަށް ބައްޓަންކޮށްފައިވާ ނިޒާމެއް ކަމުގައެވެ.
އެމެރިކާގެ އާބާދީއަށް ބަލާއިރު ކޮރަޕްޝަނުގައި ހައްދުފަހަނަޅައި ގޮސްފައިވަނީ ގާތްގަނޑަކަށް އެއް ޕަސެންޓް މީހުން ކަމަށް ވިޔަސް މިކަމުގެ ގެއްލުން ލިބޭ އެމެރިކާގެ 99 ޕަސެންޓު މީހުންގެ ބާރަށްވުރެ އެއް ޕަސެންޓް މީހުންގެ ބާރު އެމެރިކާގައި މާގަދަކަމަށް މުޒާހަރާކުރި މީހުން ބުންޏެވެ.
މުޒާހަރާކުރި މީހުން ނިޔުޔޯކްގެ ސްޓޮކްމާކެޓް ސަރަޙައްދާ ތަންކޮޅެއް ދުރުގައި އެއްވެ އަޑުއުފުލަން ފެށުމުން ނިޔުޔޯކްގެ ފުލުހުންވަނީ ވޯލްސްޓްރީޓަށާއި އެމަގުން ކަފިވެފައިވާ ކުދި މަގުތަކަށް ނުދެވޭގޮތަށް އެތަންތަން ބަންދުކޮށްފައެވެ.
އެމެރިކާގައި ހިނގަމުންދާ ކޮރަޕްޝަނުގެ ޢަމަލުތަކާ ދެކޮޅަށް ރައްޔިތުން އިންޤިލާބެއް ގެނަސް ނިޔުޔޯކްގެ ވޯލްސްޓްރީޓް، މިސްރުގެ ތަޙްރީރް މައިދާނަށް ބަދަލުކުރުމަށް ގޮވާލައި އެމެރިކާގެ 700 އެއްހާ މީހުން އަޑުއުފުލިކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ. މިސްރުގެ ތަޙްރީރް މައިދާނަކީ ޙުސްނީ މުބާރަކްގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މިސްރު ރައްޔިތުން އުތުރިއެރި ތާރީޚީ މައިދާނެވެ. -- އޭއެފްޕީ