07 Aug 2018, 13:08
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތުން ރައްޔިތުންނަށް ވަމުންދާ ވައުދުތަކުގެ ތެރެއިން ހަރުދަނާ އެއްވެސް ވައުދެއް ވެވަޑައިގަންނަވާތަނެއް ނުފެންނަކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގދ. މަޑަވެލި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމައި، އެރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން އިބޫ ފާޑު ފާޑުގެ ވައުދުތައް ވެވަޑައިގަންނަވާތަން ފެންނަމުންދާ ކަމަށެވެ.
" ކޮންމެ ރަށަކަަށްވެސް އެރަށަކަށް ފައިބައިވަޑައިގެންފައި މީ ކޮންމެވެސް ކަހަލަ ވައުދެއް މި ވެވަޑައިގެންނަވަނީ. އެމްޑީޕީގައި ކުރިންވެސް އުޅުއްވި އެކަހަލަ ކެންޑިޑޭޓެއް ރަށަކަށް ފައިބައިފައި، އެރަށުން ކޮންމެވެސް މީހަކު ބުނާ ވާހަކައަކުން މިވިދާޅުވެލައްވަނީ. އެއްވެސް ވަރަަކަށް ރާވާލައިގެންނެއް ނޫން މި ވައުދުތައް ވިދާޅުވަނީ. އެމްޑީޕީގެ ފިކުރު ވާނީ އެމްޑީޕީގެ ފިކުރަށް. ކޮންމެ ބޭފުޅަކު ހުންނެވިކަމުގައި ވިޔަސް،" ޠާރިޤު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި ވައުދުތަަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޠާރިޤު ވިދާޅުވީ އެ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނީ ކޮންތާކު ކިހާވަރަކަށްކަންވެސް އިބޫއަށް ބުނެދެވިފައި ނުވާ ކަަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، 350،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ގޮތާއި ފޯރުކޮށްދޭނެ ތަންތަން ވިދާޅުވެދެއްވި ނަމަވެސް އިބޫއަށް އެގޮތަށް ސާފު ސީދާކޮށް ކެރިގެން ބޯހިޔާވަހިކަމުގެ ސިޔާސަތު ސާފުކޮށް ބުނެނުދެވެނީ ކީއްވެގެންތޯވެސް މިނިސްޓަރު ޠާރިޤު ވަނީ ސުވާލު އުފައްދަވައިފިއެވެ.
އިބޫ، ތ. ވޭމަންޑޫއަށް ކުރެއްވި ދަތުުރުފުޅުގައި އެރަށުގައި ނަރުދަމާ އަޅާނެ ކަަމަށް ވިދާޅުވެފައިވާތީވެ އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ރަށުގައި މިހާރުވެސް ސަރުކާރުން ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.