07 Aug 2018, 16:38
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ވެއްޖެ ނަމަ އިސްދޫ ކަލައިދޫ ބޮޑުމަގު ޒަމާނީ ފެންވަރަކަށް ހަދައިދޭނެ ކަމަށް އިދިކޮޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިނު ދަތުރުފުޅެއްގައި އިސްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މީގެ ކުރިން އިސްދޫ އާ ކަލައިދޫ އަކީ އެެއް ރަށެއް ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުގައި އެއީ ދެ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި ދެ ރަށް ގުޅުވާ ބޮޑު މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރާނެކަމަށް އިބޫ ވިދާޅުވި އެވެ.
"މި ދެރަށުގައި އެބައޮތް ބޮޑު މަގެއް. ގާތްގަނޑަކަށް 2.5 ކިލޯމީޓަރުގެ މަގެއް. އެ މަގަކީ އެ މަގު ހަދާ މަރާމާތު ކުރުުމަށް އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ވެސް ވިސްނުން އޮތް މަގެއް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ދެން އަންނަ ސަރުކާރެއްގައި އެ ބޮޑު މަގު ހެދިގެންދާނެ،"
އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ދަނޑުވެރިންނާއި މަސްވެރިންނަށް ފަހިގޮތްތަކެއް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. ރާއްޖޭގައި ހައްދާ ބައެއް މޭވާ އާއި ތަރުކާރީ ބޭރަށް އެކްސްޕޯޓުކޮށްގެން ދަނޑުވެރިންނަށް ރަނގަޅު އާމްދަނީ އެއް ލިބޭނެކަމަށް އިބޫ ވިދާޅުވި އެވެ.
ލާމު އަތޮޅުގައި އޮތީ އެންމެ ރިސޯޓެއްކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ އިދިކޮޅު ސަރުކާރެއްގައި ލޯކަލް ޓޫރިޒަމް އާއި ރިސޯޓުތައް ވެސް އެ ސަރަހައްދުގައި ތަރައްގީ ކުރައްވާނެ ކަމަށެވެ.