ރިޔާސީ އިންތިހާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސޫދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރިޔާސީ އިންތިހާބު ބާއްވާނެ ދުވަހެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވާ ދުވަހެވެ. ސުއޫދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދައުވާގައި އެދިފައިވަނީ ރިޔާސީ އިންތިހާބު ބައްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ނުވާތީ އެ ދުވަސް ބަންދުކޮށްދިނުމަށެވެ.

އެގޮތަށް އެދުނު ސަބަބެއް ކަމަށް ދައުވާގައި ބުނެފައިވަނީ އެ ދުވަހު ވޯޓުލުމުގައި ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތަކާއި އުނދަގޫތަކާއި ތުރާތައް ފިލުވުމުގެ ގޮތުން ކަމަށެވެ.

އަދި އެ ދުވަސް ސަރުކާރު ބަންދު ނޫން ދުވަހަކަށް ވެއްޖެނަމަ ވިލިމާލޭގައި ނުވަތަ ހުޅުމާލޭގައި ދިރިއުޅޭ، އެހެން ނަމަވެސް މާލޭގައި ވަޒީފާ އަދާކުރާ މީހުންނަށް ވޯޓުލުމުގެ ހައްގުން މަހުރޫމުވެދާނެ ކަމަށްވެސް ދައުވާ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

މިފަހަރު ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ވަނީ އާދިއްތަ ދުވަހަކަށެވެ.