07 Aug 2018, 11:32
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ތައުރީފުކޮށްފިއެވެ.
ޕީއެސްއެމް އިން ރޭ ދެއްކި "މައި ފިއުޗާ - މައި ނޭޝަން" ޕްރޮގްރާމުގައި، ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވީ، މުސްތަގުބަލަށް ބަލާއިރު އެންމެ މުހިންމީ އެއާޕޯޓު ޕްރޮޖެކްޓު ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާއި ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނަ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން އެމްޔޫ މަނިކު ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރުމަކީ މަޖުބޫރުވެފައި އޮތް ކަމެއް ކަމަށާއި އެއީ ބޭކާރު ކަމެއްގެ ގޮތުގައި ބުނާ ބުނުމަކީ، ގޯސް ވިސްނުމެއް ކަމަށެވެ. އަދި އެތަން ތަރައްގީކުރަން ސަރުކާރުން ނަގާފައިވާ އެއް ބިލިޔަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރަނީ، ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭވަރުގެ ރަންވޭއަކާއި، އަހަރަކަށް ހަތް މިލިޔަނަށް ވުރެ ގިނަ މީހުން ހޭންޑްލް ކުރެވޭ ވަރުގެ ބޮޑު ޓާމިނަލަކާއި، އެހެނިހެން ގިނަ ހިދުމަތްތަކާއި އެކުގައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކަރުން އެއާޕޯޓު ތަރައްގީ ކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ދެމެދު ހެދި އެއްބަސްވުން މި ސަރުކާރުން އުވާލުމުން، އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ވެސް ވަނީ ދައްކާފައެވެ.
އެމްޔޫ މަނިކު ވިދަޅުވީ އެއާޕޯޓު ތަރައްގީ ކުރަނީ ކުރިއަށް އޮތް 40 އަހަރަށް އަމާޒުކޮށްގެން ކަމަށެވެ. އަދި އެ ތަން ވިޔަފާރީގެ ބޮޑު މަރުކަޒަކަށް ބަދަލު ކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ކުދިކުދި އެތިކޮޅުން ހެދޭ އެއްޗެއް ނޫން. ހަދާ ނަމަ، ހަދަން ޖެހޭނީ ރަނގަޅަށް،" ސަރުކާރުން އެއާޕޯޓު ތަރައްގީ އަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އެމްޔޫ މަނިކު ވިދާޅުވިއެވެ.

ޗަންޕާ ހުސައިން އަފީފް.-- ފައިލް ފޮޓޯ
އެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ވިޔަފާރިވެރިޔާ (ޗަމްޕާ) ހުސައިން އަފީފު ވިދާޅުވީ، ގައުމު ކުރިއަށް ގެންދެވޭނީ ހަރަދުކޮށްގެން ކަމަށެވެ. އަދި އުމަރާނީ ތަރައްގީ ނުގެނެސް، ހުއްޓިގެން އޮތުމުން ގައުމު ދާނީ ދުވަހުން ދުވަހަށް ފަހަތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިބެވިދާނެ ވަޅެއްގައި ތިބޭހެން. އިރު އައިސްފައި އިރު ފައިބައިގެން ދާނީ. ހަނދު އަރާފައި ހަނދުވެސް ފައިބައިގެން ދާނީ. އެކަމަކު ދުނިޔެ ތެރެއަށް ނުކުމެގެން [ގައުމު ތަރައްގީ ކޮށްލަން] ބޭނުންވާ ނަމަ [އެއާޕޯޓް ތަރައްގީ ކުރުން ފަދަ] ހުރިހާ ކަމެއް ކުރަންވީ،" ގިނަ ރިސޯޓްތަކާއި ވިޔަފާރިތައް ހިންގަވާ އަފީފު ވިދާޅުވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް ހިއްސާ އޮންނަ އަފީފް ވިދާޅުވީ އެއާޕޯޓު ތަރައްގީވުމުން ގައުމަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ފަތުރުވެރިން ގިނައިން އަންނަ ނަމަ، ޓޫރިޒަމް ކުރި އަރާނެ ކަމަށާއި، ޓޫރިޒަމް ކުރި އަރާނަމަ އެ ދާއިރާގެ މުވައްޒަފުން އިތުރު ކުރަން ޖެހޭނެ ކަމަށާއި، އެއާ އެކު ގިނަ ބަޔަކަށް ފައިދާކުރާނެ ކަމަށް އަފީފް ވިދާޅުވިއެވެ. އަދި އެއާޕޯޓް ޕްރޮޖެކްޓް ނިމުމުން، ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ފައިދާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
15 އަހަރުން ލޯނު ދައްކާ ނިންމޭނެ
ސަރުކާރުން އެއާޕޯޓު ޑިވެލޮޕްމަންޓަށް ނަގާފައިވާ އެއް ބިލިޔަން ޑޮލަރުގެ ބޮޑު ލޯން، 15 އަހަރުން ދައްކާ ނިންމާލެވޭނެ ކަމަށް، ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ ނަޒީރު ވިދާޅުވީ، އެ އެސްޓިމޭޓް ހޯދީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ކަމަށެވެ.
ނަޒީރު ވިދާޅުވީ 15 އަހަރުގެ ތެރޭގައި ލޯނު ދައްކާ ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު، އެންމެ ބޮޑެތި ލޯނުތައް ނަގާފައިވާ ފައުމުތަކުން އެ ލޯނުތައް ދައްކަން ދީފައިވަނީ 25 އަހަރުގެ މުއްދަތެއް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫގެ އެންމެ ފަހުގެ މަސައްކަތްތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ޕްރޮޖެކްޓަށް އެންމެ ބޮޑެތި ލޯނުތައް ނެގީ ޗައިނާ، ސައުދީ އަދި މެދުއިރުމަތީގެ ފަންޑުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ލޯނުތަކަކީ ވަރަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ނަގާފައިވާ ލޮނުތައް ކަމަށް ނަޒީރު ވިދާޅުވިއެވެ.
"މިހާރުގެ ސްޕީޑުން އަމިއްލައަށް [ލޯނު] ދެއްކޭނެ. އިރާދުކުރެއްވިއްޔާ މިހާރު ދާގޮތަށް ދާނަމަ މި ފައިސާއަކީ ސަރުކާރުގެ މާލިއްޔަތުން ނަގައިގެން ދައްކަން ޖެހޭނެ އެއްޗެއް ނޫން. [އެއަޕޯޓްގެ] އެ އޮޕަރޭޝަނުން ދެއްކޭނެ އެއްޗެއް،" އެމްއޭސީއެލްގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާ ނަޒީރު ވިދާޅުވިއެވެ.