ރާއްޖެ އިން އިތިއޯޕިއާ އާއެކު ޚާރިޖީ ގުޅުން ގާއިމް ކޮށްފި އެވެ.

އދ.ގައި ހުންނަ އިތިއޯޕިއާގެ މިޝަންގައި ދެ ގައުމުން ވަނީ ޚާރިޖީ ގުޅުން ގާއިމްް ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފަ އެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. އިތިއޯޕިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޓެކެޑާ އަލެމޫ އެވެ.

އިތިއޯޕިއާ އަކީ ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމްކުރި 170 ވަނަ ގައުމެވެ.

އިތިއޯޕިއާ އަކީ އެފްރިކާގައި އޮތް އެންމެ ގިނަދުވަސްވީ މިނިވަން ގައުމެވެ. އެ ގައުމުގައި އާސާރީ ގިނަ ތަންތަން ހުރި އިރު 20 ވަނަ ގަރުނުގައި ބޯޑަރު މައްސަލާގައި ދާކިލީ ހަނގުރާމައެއްވެސް އެގައުމުގައި ވަނީ ހިނގައިފަ އެވެ.

ގާތްގަނޑަކަށް 102 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ އިތިއޯޕިއާގެ ވެރިކަން ކުރަނީ އެޑިސް އަބާބާ ގަ އެވެ. އެގައުމުގެ މީހުން ވާހަކަ ދައްކައި އުޅެނީ އެމްހެރިކް ކިޔާ ބަހަކުންނެވެ.