ޖޫން މަހު ނިމުނު މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ގިނަ ކުންފުނިތަކަށް ބޮޑެތި ފައިދާތައް ލިބުމާ އެކު، ގިނަ ގައުމުތަކުގެ ހިއްސާގެ ބާޒާރުތަކުގެ އަގުތައް މައްޗަށް ޖެހިއްޖެ އެވެ.

އޭޝިޔާ ސަރަހައްދުގެ ބޮޑެތި ސްޓޮކް މާކެޓްތަކަށް ބަލާއިރު، ޝަންހާއީގެ ކޮމްޕޮސިޓް އިންޑެކްސް ވަނީ 1.3 ޕަސެންޓް ކުރިއަރައިފަ އެވެ. ޓޯކިޔޯގެ ނިކޭއީ މާކެޓް 0.5 ޕަސެންޓް ކުރިއަށް ޖެހިލި އިރު، ހޮންކޮންގެ ހަންގް ސެންގް މާކެޓް 1.0 ޕަސެންޓް ކުރި އެރި އެވެ. އަދި ސައުތު ކޮރެއާގެ ކޮސްޕީ މާކެޓް ވެސް ވަނީ 0.3 ޕަސެންޓް ކުރިއަރައިފަ އެވެ.

ޓައިވާން އަދި ނިއުޒިލޭންޑްގެ މަކެޓުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި އިރު، އޮސްޓްރޭލިޔާގެ އެސްއެންޑީ-އޭއެސްއެކްސް ވަނީ 0.1 ޕަސެންޓް ވެއްޓިފަ އެވެ. އަދި ސިންގަޕޫރުގެ ސްޓޮކް މަކެޓް ފިޔަވައި ސައުތު އީސްޓް އޭޝިޔާގެ އެހެން މާކެޓްތައް ކުރިއަރާފަ އެއް ނުވެ އެވެ.

އެމެރިކާ އާއި ޗައިނާގެ ހަމަނުޖެހުންތައް ބޮޑުވެގެން ދިޔަ ނަމަވެސް، އިންވެސްޓަރުންގެ ސަމާލުކަން މި ދުވަސްކޮޅު ހުރީ ކުންފުނިތަކުން ދެ ވަނަ ކުއާޓަރުގައި ހޯދި ފައިދާ އަށެވެ. އެގޮތުން ވޯލް ސްޓްރީޓްގެ މާކެޓްތަކަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް، ފާއިތުވި ތިން ދުވަހުގެ ތެރޭގައި ލިބިފަ އެވެ.

މި އަހަރުގެ ދެ ވަނަ ތިން މަހުގެ ތެރޭގައި އެމެރިކާގެ ކުންފުނިތަކަށް ލިބުނު ފައިދާ ބޮޑުވެފައި ވަނީ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ޓެކުހުން ވިޔަފާރިތަކަށް ބޮޑު ލުޔެއް ދިނުމުންނެވެ.

ވޯލް ސްޓްރީޓްގެ މަކެޓްތަކުގެ ތެރެއިން ޑޯ ޖޯންސް އިންޑަސްޓްރިއަލް 0.2 ޕަސެންޓް، ސްޓޭންޑާޑް އެންޑް ޕުއާ 0.4 ޕަސެންޓް އަދި ނާސްދާގް 0.6 ޕަސެންޓް ކުރި އެރި އެވެ.

ހިއްސާގެ ބާޒާރުތަކުގެ ހަކަތައިގެ ސެކްޓަރަށް ބަލާއިރު، ޔޫއެސް ކްރޫޑްގެ ބެންޗްމާކް އަގު 11 ސެންޓް އުފުލި ތެޔޮ ފީފައެއްގެ އަގު 69.12 ޑޮލަރަށް ވަނީ އަރައިފަ އެވެ. މާކެޓުތަކުގެ އަގުތައް އުފުލުނު އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިހާރު އުޅެނީ ފީފާއެއް، 69.01 ޑޮލަރާއި 73.75 ޑޮލަރާ ދެމެދުގަ އެވެ.