07 Aug 2018, 09:42
ރައޫސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
އެ ދަތުރުފުޅުގައި ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާ އަދި ގދ. ގައްދޫއަށް ވަޑައިގެން އެރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމާއި އެ ރަށްރަށުގައި ތަރައްގީކޮށްފައިވާ ބަނދަރުތައް ހުޅުއްވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ގައްދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެ ރަށުގައި ހަދާފައިވާ ހައުސިންގް ޔުނިޓްތައް ވެސް ރައީސް ހުޅުވައި ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅުގައި ރައީސް ގއ. ކޮނޑޭއަށް ވަޑައިގެން އެ ރަށު ބަނދަރު ހުއްޅުއްވައިދެއްވައި އަދި ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގް ޔުނިޓްތައް ހުޅުއްވައި ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްގީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ.