07 Aug 2018, 09:10
ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސަލްމާން ހާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނުކުންނަ ފިލްމު "ލަވްރާތުރީ"ގެ އޮފިޝަލް ޓްރެއިލާ މިހާރު މިވަނީ އާންމުކޮށްފައެވެ. ޓްރެއިލާއިން، އާޔޫޝް ދައްކުވައިދީފައިވާ އެކްޓިންއާ މެދު ބެލުންތެރިން އަންނަނީ ތައުރީފުކުރަމުންނެވެ.
ފިލްމުގެ ލީޑް ރޯލު ކުޅޭ އާޔޫޝްގެ އެކްޓިން ފެނިފައި ގިނަ ބަޔަކަށް ހައިރާންކަން ގެނުވިއިރު ހަގީގަތުގައި ވެސް އޭނާ އަކީ ބޮލީވުޑަށް "ފިޓް"ވާ ތަރިއެކެވެ.
ފިލްމުގެ ޓްރެއިލާއިން އެކަން ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފިއެވެ. ފިލްމުގައި އާޔޫޝް އާ އެކު ފެނިގެންދާނީ ވެސް ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ ވަރީނާ ހުސައިން އެވެ.
ޓްރެއިލާކޮޅުގައި ހެއްވާ މައްޖާ ކަންތައްތަކެއް ފެނިގެން ދިޔަ ނަމަވެސް މަންޒަރު ބަދަލުވެގެންދަނީ ވަރީނާގެ ބައްޕައަށް އާޔޫޝް އާ ދިމާވާ ހިސާބުންނެވެ.
ޖަލުގެ ގޮޅިއެއްގައި އާޔޫޝް ހޭދަކުރިތަން ޓްރެއިލާއިން ދައްކުވައިދިން އިރު އޭނާ ވަނީ އޭނާގެ ލޯބި ހޯދަން ގިނަ މަސައްކަތްކޮށްފައެވެ.
ވަރީނާ އަކީ އިރާގުގެ ބައްޕައަކާއި އަފްޣާން މަންމައަކަށް ލިބުނު ހަމަ އެކަނި ދަރިއެވެ. އޭނާ އަކީ މޮޑެލްކުރަން ދަންނަ، ކުޅަދާނަ އަންހެން ކުއްޖެކެވެ. އޭނާއަކީ ނިއުޔޯކް ފިލްމް އެކަޑަމީގެ ގްރެޖުއޭޓެއްވެސް މެއެވެ.
ވަރީނާއާއި އާޔުޝްގެ ގުޅުން ޓްރެއިލާއިން ހާމަވެގެންދެއެވެ.
ފަހަކަށް އައިސް ބޮލީވުޑަށް ގިނަ ތަރިންތަކެއް އަންނަނީ ތައާރަފްވަމުންނެވެ.
އަންނަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ ފިލްމެކެވެ. އެެ ފިލްމަކީ ލޯބީގެ ފިލްމެކެވެ.