ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި މީގެ ދެ ހަފްތާ ކުރިން ބޮޑެތި އަނިޔާތަކެއް ލިބުނު ގއ. ވިލިނގިލީ ކައުންސިލް މެމްބަރު ހަބީބު ހަސަން އިތުރު ފަރުވާ އަށް އިންޑިއާއަށް ގޮސްފިއެވެ.

ވިލިނގިލީ ކައުންސިލް މެމްބަރު މުހައްމަދު އިގްބާލް ފިކުރީ "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނު ފްލައިޓުން އިންޑިއާގެ ކޮޗިން އަށް ހަބީބު ފުރާވަޑައިގެންނަވާ ކަަމަށެވެ.

"ހަބީބުގެ އެމްއާރުއައި ސްކޭންއިން ދައްކާ އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށް. އޭގެ އިތުރުން ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށްވެސް ވަނީ،" އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ، މިހާރުވެސް ހަބީބު ތެދުވެ އުޅުމުން ބޮލަށް އަނބުރާތީ އުޅޭ ކަމަށެވެ.

އެ ހާދިސާއާ ބެހޭގޮތުން ކައުންސިލަރު ހަބީބު މީގެ ކުރިން "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި އޭނާގެ ވާތު ފައިގެ ފަލަމަސްގަނޑަށް އިންޗިއެއްހާ ފުޅާމިނުގެ ދަގަނޑެއް ހެރި ވާތު ފައިގެ ބޮޑުވާ އިނގިލީގެ ނިޔަފަތިގަނޑު ހަލާކުވެފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ އެ ހާދިސާ ހިނގީ އެ ރަށު ސްކޫލްގައި އުޅެފައި މަގަށް ނުކުންނަން މަޑުކޮށްގެން ސައިކަލްގައި އިންދައި އެހެން ސައިކަލަކުން ޖެހިގެން ކަމަށެވެ.

"ސްކޫލުގައި ހުރެފައި މަގަށް ނުކުންނަން އައިއިރު ސައިކަލް އެ އަންނަ ސްޕީޑް ފެނިފައި އޭގެ އަޑު ކަންފަތުގައި ޖެހުނީމާ ނުރައްކަލެއް ވެދާނެ ކަަމަށް ހީކޮށް އަޅުގަނޑު މަޑުކޮށްގެން ހުއްޓާ މެދަށް އައިސް އެރުވީ،" ހަބީބު ވިދާޅުވިއެވެ.