06 Aug 2018, 17:37
ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިޔަށް އޮތް ފިލްމު "ގޮށްރާޅު" ގެ ފުރަތަމަ ޓްރެއިލާ މިއަދު ރިލީޒް ކޮށްފައިވަނީ ބެލުންތެރިނަށް ބޮޑު ސަޕްރައިޒަކާއެކުއެވެ.
މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކޮށްފައިވާ "ގޮށްރާޅު" ގެ ޓްރެއިލާ މިއަދު އާންމުކުރީ ޝްވެކް ސިނަމާގައި ޓްރެއިލާ ރިލީޒް ކުރަން ބޭއްވި ހާއްސަ ހަފްލާ އެއްގައެވެ.
ކުޅަދާނަ ޑައިރެކްޓަރ އަހުމަދު ސިނާނު ޑައިރެކްޓް ކުރާ އެ ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލިއިރު ބެލުންތެރިން ސަޕްރައިޒްކޮށްލީ ޓްރެއިލާގެ މަންޒަރަކުން ކުޅަދާނަ އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނުމުންނެވެ. އިއްސެ ކަހަލަ މޮޅު އެކަޓްރެއް ފިލްމުން ފެނިގެންދިޔުން ވާނީ ފިލްމަށް ވެސް ގެނުވާނެ އިތުރު ފުރިހަމަ ކަމަކަށެވެ.
ޓްރެއިލާ ފެށިގެން އަންނަނީ ފިލްމުގެ ލީޑު އެކްޓަރު ޖުމައްޔިލް ނިމާލު ގޮނޑި އެއްގައި ބަނދެފައި އިންދައެވެ. މޫނު މަތިން އެތައް މިތަނުން ހަލާކުވެ، ލޭ ހިލެއެވެ. އެހެން އިންދާ ދެން ދައްކުވައިދޭ މަންޒަރުން ގައިން ހީބިހި ނަގައިގަންނާނެއެވެ. ޓްރެއިލާ ބަލާލާށެވެ.
ޓްރެއިލާ ހިތް ގައިމެއް ނޫން ހެއްޔެވެ؟ ޑާކްރެއިން އަކީ މިކަހަލަ ކްރައިމް ތްރިލާތައް ދައްކާލަން ހަމަ އެއްވަނަ އެވެ. ތަރިން ވެސް ކުޅަދާނައީ އެވެ.
"ސަން" އާ ވާހަކަދައްކަމުން ސިނާނު ބުނީ، ފުރަތަމަ ޓްރެއިލާ ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ކުރާ ކަމަށެވެ. އޭނާ ބުނީ "ގޮށްރާޅު" ރިލީޒް ކުރުމުގެ ކުރިން ފިލްމުގެ އިތުރު ދެ ޓްރެއިލާ އެއް އަދި ބެލުންތެރިންނާ ހަމަޔަށް ގެންނާނެ ކަމަށެވެ.
އޭގެ އިތުރުން އޭނާ ބުނީ، މި ޓްރެއިލާ އިން ފެނިގެން ދިޔަ ކޮޕީ އިއްސެ އަކީ ފިލްމުގައި ވަރަށް މުހިއްމު ރޯލަކުން ފެނިގެންދާނެ ތަރިއެއް ކަމަށެވެ. ކޮޕީ އިއްސެ އާއެކު ފިލްމަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށް އޭނާ ބުންޏެވެ.

"ގޮށްރާޅު" ގެ ބައެއް ތަރިން ފެންނަ ޕޯސްޓަރެއް: ފޮޓޯ ގޮށްރާޅު ފޭސްބުކް ޕޭޖް...
"ގޮށްރާޅު" އަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެކެވެ. މި ފިލްމުން މިހާރު ފިލްމު އިންޑަސްޓްރީގައި ތިބި ކާމިޔާބު ފަންނާނުންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިންގެ އެކްޓިން ފެނިގެންދާނެއެވެ.
މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ ނޮވެމްބަރ މަހުގެ ފަސް ވަނަ ދުވަހުއެވެ. ފިލްމަށް ކުރެވޭ އުންމީދު އިންތިހާއަށް ބޮޑެެވެ.