އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުން ކާމިޔާބުލިބި ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ ތ. ތިމަރަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެރަށުގެ މަގުތައް ހަލާކުވެ އެކަށީގެންވާ ވަރަށް ބޭނުންނުކުރެވޭ ކަމަށެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ތިމަރަފުށީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އޭނާގެ ވެރިކަމެއްގައި އެރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރައްވާނެ ކަމަށެވެ.

"މިރަށް ދިވާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގޯތި ގެދޮރުގެ ދަތިކަން. އެމްޑީޕީގެ ވެރިކަމުގައި މިރަށުން ހިއްކި ބިން އަދިވެސް އެއޮތީ އެއްވެސް ބޭނުމެއް ނުކުރެވި. ހަތް އަހަރުވެގެން ދިޔައިރުވެސް އޭރޮ އޮތް ގޮތަށް އެއޮތީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި މިރަށުގެ ބިން ހޮޔޮގޮތުގައި ބޭނުންކުރުމަށް ރައްޔިތުންނަށް ގޯތި ދިނުމާއި އެހެނިހެން މަސައްކަތްތައް ކުރުމަށް ބިން ދޫކުރެވިގެން ދާނެ،" އިބޫ ވިދާޅުވިއެވެ.

ތ. އަތޮޅުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ނުނިމި ގިނަ އަހަރުތަކެއްވަމުންދާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެރަށްތައް އަވަހަށް ނިންމޭނެ ގޮތް ގާނޫނުގެ ތެރެއިން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ގާނޫނުގެ ތެރެއިން އިންވެސްޓްމަންޓުތައް ރައްކާތެރިކޮށްދެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށަކަށް އިބޫ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މިއަދު އިބޫ ވަނީ އެއަތޮޅު ވޭމަންޑޫ އާއި އޮމަދޫއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެމްޑީޕީގެ އިސްވެރިންނާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.