06 Aug 2018, 16:12
އިދިކޮޅުން ރައްޔިތުންނަށްވާ ވައުދުތައް މިހާރުން ވެސް ފުދެމުންދާ ކަމަށާއި ވަމުންދާ ކިތަންމެ ވައުދެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުދެމުންދާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ތ. އަދި ލ. އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ތ. މަޑިފުއްޓަށް ވަޑައިގެން އިބޫ ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެން އޮޑިދޯނު ފަހަރުގެ ފީ ކުޑަކޮށްދެއްވާނެ ކަމަށެވެ. ސަރުކާރުން މިއަދު ވަނީ ނުވަ މީޓަރަށް ކުދި ދޯނި ފަހަރުން ފީ ދައްކަން ނުޖެހޭ ގޮތް ހަދައިފަ އެވެ.
މިއަދު ތ. ކިނބިދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ވައުދުތައް ވާ ވަރަކުން މިހާރު ވެސް ފުދެމުންދާ ކަމަށެވެ.
"އިއްޔެ އަޅުގަނޑު މިތަނުން އެއްރަށެއްގައި ދެއްކި ވާހަކައެއް ކަނޑު ދަތުރުކުރާ އުޅަނޑު ފަހަރުގެ ފީތައް ބޮޑުވާ ވާހަކަ. ޖޫރިމަނާ އަރަމުން އަރަމުން ގޮސް އެ އޮޑިވެރިން ބަނގުރޫޓުވަމުން ދާ ވާހަކަ. މިއަދު ހެޑްލައިނަކުން އަޅުގަނޑަށް ފެނިއްޖެ ސަރުކާރުން ކުދި އުޅަނދު ފަހަރުގެ އަހަރީ ފީ ކަނޑާލި ވާހަކަ. ވައުދުތައް ފުދެމުން އެދަނީ އިނގޭތޯ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅުން ވާ ވައުދުތައް ފުދެމުން ދާނެ ކަމީ ޔަގީންކަން އޮތް ކަމެއް ކަމަށެވެ.
"ސްޕީޑް އަވަސް ކުރަންވީހެން އަޅުގަނޑަށް ހީވަނީ. އިންތިހާބު އަންނަން ވާއިރަށް ހުރިހާ ވައުދެއް ފުދުމަކީ ވެސް އެކަށީގެންވާ ކަމެއް މިދާވަރުން ދަންޏާ. އެހެންވީ އަޅުގަނޑު ތަންކޮޅެއް ގިނައިން ދެން ނޯޓު ކުރާނަން ރަށްރަށުގައި ވާންވީ ވައުދުތައް." އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއް ގޮތުގައި ވާދަކުރާއިރު އޭނާގެ ޒިންމާ ވަަރަށް ބޮޑުކަން ގަބޫލުކުރާ ކަމަށެވެ. އެންމެ ބޮޑު ވާޖިބެއް ކަމުގައި ދެކެނީ ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުން ބޭނުންވާ ގޮތަށް އެންމެންއެއްކޮށްގެން މަސައްކަތް ކުރުން ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ތެދުވެރި ކަމާއެކުގައި އެމަސައްކަތް ތިބޭފުޅުންނަށް ކޮށްދޭނަން. އަދި ޔަގީންކޮށް މިއަދު މި އަރުވަނީ ތިބޭފުޅުންގެ ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް އަޅުގަނޑު ނުޖެހޭނެ ކަމުގެ ޔަގީންކަން." އިބޫ ވިދާޅުވި އެވެ.