ސިވިލް ސާވިސް މުވައްޒަފުންގެ އިތުރު ގަޑި ލިމިޓް ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ވިދާޅުވުމާ ގުޅިގެން ކުރީ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހިމްގެ ހިޔާލު ތަފާތުވެއްޖެ އެެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިބޫ ވިދާޅުވީ އިތުރު ގަޑީގައި ގިނަ އިރުގަޑިތަކެއްގައި މަސައްކަތް ކުރި ނަމަވެސް ދޭ ފައިސާގެ އަދަދު ލިމިޓްކޮށްފައި އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އިބޫގެ އެހިޔާލަށް ނިޔާޒު ވަނީ ފާޑު ވިދާޅުވެފަ އެވެ. ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރުގަޑީގެ ލިމިޓް އުވާލުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށެވެ.

"ރަސްމީ ގަޑީގައި ކޮފީގައި އުޅެފައި އިތުރުގަޑީގެ ފައިސާގެ ގޮތުގައި މުސާރައާ އެއްވަރުގެ އެލަވަންސް ނަގާ މީހުން ވަރަށް ގިނަ،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ބޭނުންވަނީ ރަނގަޅު ޕާފޯމެންސް މެނޭޖްމެންޓް ސިސްޓަމެއް ކަމަށެވެ.

އިބޫގެ މެނިފްސްޓޯ އަދި އާންމުކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ސިޔާސަތުތަކެއް މެނިފެސްޓޯގައި ހިމެނޭނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ. އަދި ކޮންމެ ސިޔާސީ ފިކުރެއްގެ މީހެއް ނަމަވެސް ސިވިލް ސާވިސް ވަޒީފާ އަދާކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.