މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން )އެމްއެންބީސީ(ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެރިއެއްގެ ހުއްދަނެތި އިތުރުގަޑީގެ މަސައްކަތް ނުކުރެވޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

އެމްއެންބީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން ކުރިން އިތުރުގަޑީގެ މަސައްކަތް ކުރި އުސޫލުން މިހާރު އިތުރުގަޑީގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

"ކޮންމެ މުވައްޒަފަކު ވެސް މިހާރު މަސައްކަތްކުރައްވަމުންގެންދަވާނީ ޑިއުޓީގެ އުސޫލުން އަށްގަޑިއިރުކަމަށާއި އަށްގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރައްވަންޖެހިވަޑައިގަންނަވާ ނަމަ ވެރިއެއްގެ ކައިރިން ހުއްދަ ހޯއްދެވުމަށް ފަހު އެ މަސައްކަތެއްކޮށް ނިންމުމަށްއިތުރު ގަޑިލިބޭނެކަމުގައި" އާދަމް ވިދާޅުވިއެވެ.

އެކޯޕަރޭޝަންގެ މުވައްޒަފަކު ނަން ނުޖެހެމަށް ޝަރުތުކޮށް ބުނީ، ކުރިން އެކޯޕަރޭޝަންގައި މަސައްކަތް ކުރަމުންގެންދާއިރު މުސާރައިގެ ގޮތުގައި އިތުރުގަޑީގެ ފައިސާއާއި އެކު މަހަކު ދިހަވަރަކަށް ހާސްރުފިޔާ ލިބުނުކަމުގައި ވީނަމަވެސް މިހާރު އެއަދަދު ހަތްހާހަށްވެސް ނާރާނެ ކަމަށެވެ. އަދި އިތުރު ގަޑިގަޑީގައި މަސައްކަތް ކުރުމަށް ހޯދަންޖެހޭ ހުއްދަ އެއީ އެހާފަސޭހައިން ލިބޭ ހުއްދަ އެއްކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ބައެއް މީޑިޔާތަކަށް މަޢުލޫމާތުދެއްވަމުން މެނޭޖިން ޑައިރެކްޓަރ އާދަމް ޝަރީފް ވިދާޅުވެފައިވަނީ އިތުރުގަޑީގެ ގޮތުގައި އެކުންފުނިން މުސާރައަށް ފަސްވަރަކަށް ހާސްރުފިޔާ ލިބިލައްވާ ބައެއް މުވައްޒަފުން މުސާރާގެ ގޮތުގައި އަށާރަވަރަކަށް ހާސްރުފިޔާ ގެއަށްގެންގޮސްފައިވާކަމަށެވެ. އެއީ އެކަން ބޮއްސުންލާފައި އޮތުމުން ދިމާވިކަމެއްކަމަށާއި، ދެން އެކަހަލަ ގޮތަކަށް އިތުރުގަޑީ ޖަހައިގެން ފައިސާ ނުނެންދެވޭނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

އެމްއެންބީސީން އިތުރުގަޑީގެ ފައިސާދިނުމަށް މި ގެނައި މިބަދަލަކީ އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަ އުސޫލެއްގެ ދަށުން ގަވާއިދާ އެއްގޮތަށް އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތަށް ވެސް ހަމަހަމަކަމާއި އެކު މުވައްޒަފުންނަށް ލިބިދިނިމުށް އެޅި ފިޔަވަޅެއްކަމަށް އެކުފުނިން ވަނީ ބުނެފަ އެވެ.