ދުނިޔޭގެ އެންމެ މޮޅު ފީފާ ކުޅުންތެރިޔާ ހޮވާ "ފީފާ އީވޯލްޑް ކަޕް"ގެ ޗެމްޕިއަންކަން މި އަހަރު ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މުސާދު އަލްދޫސަރީ (އެމްއެސް ދޫސަރީ) ހޯދައިފިއެވެ.

ފީފާ އީވޯލްޑް ކަޕްގެ ޗެމްޕިއަންކަން، އެކްސްބޮކްސް ބޭނުންކުރާ އަލްދޫސަރީ ކާމިޔާބު ކުރީ ބެލްޖިއަމްގެ ކުޅުންތެރިއެއް ކަމަށްވާ ސްޓެފާނޯ ޕީނާގެ މައްޗަށް 4-0 ގެ އެގްރިގޭޓު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މުބާރާތް ކާމިޔާބުކުރުމުން އަލްދުސަރީއަށް ވަނީ އިނާމެއްގެ ގޮތުގައި 250،000 ޑޮލަރު (ގާތްގަނޑަކަށް 3،800،000 ދިވެހި ރުފިޔާ) ލިބިފައެވެ.

މުބާރާތް ކާމިޔާބުކުރުމަށް ފަހު އަލްދޫސަރީ ބުނީ މުބާރާތް ކާމިޔާބުކުރުމަކީ އޭނާއާއި އޭނާގެ ރައްޓެހިންނާއި އާއިލާގެ ހުވަފެނެއް ކަމަށެވެ. އަދި ލައިވް އޯޑިއަންސެއްގެ ކުރިމަތީގައި އެފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުން އެކަން ގަބޫލު ކުރަންވެސް ދަތިވި ކަމަށް އެނާ ބުންޏެވެ.

"މި މޮޅަކީ މިކަން ކާމިޔާބު ކުރަން އަހަރެންނާއި އަހަރެންގެ ޓީމުން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ." އަލްދޫސަރީ ބުންޏެވެ.

ފީފާ އީވޯލްޑް ކަޕް އަށް ކޮލިފައި ވުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޮންލައިންކޮށް ބޭއްވި ކޮލިފައިން ރައުންޑުތަކުގައި 20 މިލިއަނަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިއެވެ.

ލަންޑަންގައި ބޭއްވި އީވޯލްޑް ކަޕުގެ ގްރޭންޑް ފައިނަލް އަށް 19 ގައުމަކުން 32 ކުޅުންތެރިން ކޮލިފައިވިއެވެ.