06 Aug 2018, 14:35
ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް އަމަލުކުރާ ފަރާތްތަކަށް ދެވޭ އަދަބު، ކުޑަކުދިންގެ ހައްގުތައް ރައްކޭތެރިކުރުމުގެ ބިލުގައި ހިމަނަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުމުގެ ބިލަށް ކަމާ ގުޅޭ އިދާރާތަކުން ހުށަހަޅަން ބޭނުންވާ އިސްލާހުތަކަށް މަޝްވަރާ ކުރުމަށް ބާ ޖަމާލުއްދީން ހޯލުގައި މިއަދު އެޗްއާރުސީއެމުން ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.
އެޗްއާރުސީއެމުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ ލީގަލް އޮފިސަރު ފާތިމަތު ނައްފަތު އަބްދުލް ވައްހާބު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލަށް އިތުރުކުރަން ޖެހޭ ކަމަށް އެޗްއާރުސީއެމަށް ފެނުނު ބައެއް ކަންކަން ރިކޮމެންޑޭޝަންތަކެއްގެ ގޮތުގައި މިހާރު ވާނީ ކޮމެޓީއަށް ފޮނުވާފައި ކަމަށާއި އަދި އެ ބައްދަލުވުމުގައި ބައިވެރިވި އިދާރާތަކުންނާއި އެންޖީއޯތަކުން ހުށަހަޅާ ކަންކަން ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ފޮނުވާނެ ކަމަށެވެ.
އެޗްއާރުސީއެމަށް ފާހަގަވި، އެ ބިލްގައި ނެތް ބައެއް ކަންކަން ނައްބަތު ފާހަގަކުރެއްވިއެވެ. އެގޮތުން ޝަރުއީ ދައިރާގެ މަރުހަލާ ބިލުގައި ކުޑަކަމަށާއި އެއްވެސް ވަރަކަށް އަދަބުތަކުގެ ވާހަކަ ބިލުގައި ނެތްކަން ނައްބަތު ވިދާޅުވިއެވެ.
"މި ބިލުގައި ވަރަށް މުހިންމު ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް އަމަލުކުރާ ފަރާތްތަކަށް ކަނޑައެޅޭ އަދަބުތައް ހިމަނަން. އަދި ގާނޫނުގައި އަދަބު ކަނޑައަޅާފައި ހުރި ކަންތައްތަކަށް މި ބިލުގައި ރިއާޔަތްކުރުމަށް ނޫނީ ރިފަރެންސެއް ދީފައި އޮންނަ ގޮތަށް،" ނައްފަތު ވިދާޅުވިއެވެ.
އެޗްއާރުސީއެމުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ކުޑަކުދިންގެ ހައްގުތަކާއި މައިންބަފައިގެން ޒިންމާތަކުގެ ބައި މިހާރު އޮތް ގާނޫނަށް ވުރެން އަލަށް ހުށަހެޅި ބިލްގައި ފުރިހަމަވެފައި ތަފްސީލު ކަމަށް އެޗްއާރުސީއެމްއަށް ފާހަގަކުރެވިފައިވާ ކަމަށް ނައްފަތު ވިދާޅުވިއެވެ.
ކުޑަކުދިންނާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މުވައްޒަފުންނަށް އެކަމާއި ގުޅޭ ތަމްރީނު ދިނުން ލާޒިމުވާނެ ގޮތަކަށް މާއްދާއެއް އިތުރުކުރުމަށް ރިކޮމެންޑްކޮށްފައި ވާނެކަން ނައްބަތު ފާހަގަކުރެއްވިއެވެ.
"މި ކޮމެންޓްތަކުގެ މަގުސަދަކީ ވެސް ކުޑަކުދިންގެ ހައްގުތައް ވީހާވެސް ރަނގަޅަށް ރާއްޖޭގައި ރައްކާތެރިކުރެވޭނެ ގޮތަކަށް މި ގާނޫނު ބައްޓަންކުރުން،" ނައްފަތު ވިދާޅުވިއެވެ.