ނުވަ މީޓަރަށް ކުދި ބޮއްކުރާ ޑިންގީ އަދި ކުދި ދޯނި ފަހަރުން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތަށް ކަނޑައަޅައި މީގެ ކުދިން ނުދައްކާ ހުރި ފީތައް ރައީސް އަބްދުﷲ ޔާމީން މާފުކޮށް ދެއްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަނޑު އުޅަނދު ރެޖިސްޓްރީ ކުރުމުގެ މަރުހަލާގައި އަހަރީ ފީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭ ގޮތަށް ކަނޑައަޅާފައިވާތީ ރައްޔިތުންނަށް ދަތިތަކާ ކުދިމަތިވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭނުންކުރާ ލޯކަލް އުޅަނދުތަކުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުދި ބޮއްކުރާ ޑިންގީ އަދި ކުދި ދޯނި ފަހަރުން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތަށް ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ހަމަ މިޔާ އެކު އިސްތިސްނާ ކުރެވޭ ކަނޑުގެ އުޅަނދުތަކުން އަހަރީ ފީ ނުދެއްކިގެން މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވާ ފައިސާ އާއި އެކި ސަބަބުތަކާއި ހުރެ ގެއްލިފައިވާ ނުވަތަ ނެތިގޮސްފައިވާ ބޮއްކުރާ ކުދި ދޯނި އަދ ބޮޑެތި އުޅަނދުގެ ރެޖިސްޓްރީ ބާތިލު ނުކުރެވި ދިއުމުން ދައްކަން ޖެހިފައިވާ ޖޫރިމަނާ ވެސް މާފު ކޮށްދިނުމަށް ރައީސް ވަނީ ނިންމަވާފައި،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ފީތައް މާފު ކުރައްވަން ރައީސް ނިންމަވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނުވަ މީޓަރަށް ވުރެ ކުދި ދޯނު ފަހަރުގެ އަހަރީ ފީ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމަވާފައިވާ އިރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ދޯނި ފަހަރުގެ އަހަރީ ފީތައް ކުޑަ ކުރައްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.