ރާއްޖޭގެ އަމަން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމަށް ބުނެ ފޭސްބުކްގައި ކުރެއްވި ގުޅިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އެ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހަތަރު މެންބަރުން ކަމަށްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު ދީދީ އެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފަށް ފޮނުވި ސިޓީގައި އެ މެންބަރުން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް އަމަންއަމާންކަން ނަގާލުމަށް ޓަކައި ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެކަން އެމްއެންޑީއެފާއި ފުލުހުން ގާތުން ބަލަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ކަމަށެވެ.

"އަމަން އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު އެވާހަކަ އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް." އެ ސިޓީގައިވެ އެވެ.

ރާއްޖޭގައި އުޅޭ ހުރިހާ މީހުނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާ އެކު އުޅޭވޭނެ މަގު ފަހިކޮށްދެއްވުމަކީ ޑިފެންސް މިނިސްޓަރުގެ މައްޗަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށާއި އެފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް ކުރެއްވުމުން ކޮމެޓީއަށް، މިނިސްޓަރު ހާޒިރުކޮށްދެއްވައި ކޮމެޓީ ބައްދަލުވުމެއް ބާއްވައި ދިނުމަށް އިދިކޮޅު މެންބަރުން ފޮނުވި ސިޓީގައިވެ އެވެ.