06 Aug 2018, 13:28
ވޮޝިންޓަން (އޮގަސްޓު 6): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަލުން 2016 ވަނަ އަހަރު ރަޝިއާގެ ވަކީލަކާ ބައްދަލު ކުރެއްވީ އިދިކޮޅު ފަރާތަކާ ބެހޭ މައުލޫމާތު ހޯދަން ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވީ، ރިޔާސީ ކެމްޕެއިނާ ދިމާކޮށް ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ރަޝިއާގެ ވަކީލަކާ ބައްދަލު ކުރެއްވި މައްސަލައާ ގުޅިގެން ރައީސް ކަންބޮޑުވެފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓު ކުރި ފަހުންނެވެ.
އެރިޕޯޓުތަކަށް ރައްދު ދެއްވަމުން ރައީސް ޓްރަމްޕް ވަނީ އެއީ "ފޭކު ހަބަރު" ކަމަށާއި ޓްރަމްޕް ޖޫނިއާގެ ބައްދަލުވުމަކީ ގާނޫނާ ހިލާފަށް ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އެއީ އިދިކޮޅު ފަރާތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ބޭއްވި ބައްދަލުވުމެއް، ގާނޫނީ ގޮތުން ސައްހަ އަދި ސިޔާސީ ދާއިރާގައި އަބަދުވެސް ކުރާ ކަމެއް." ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓުތަކުގައިވެ އެވެ.
އަދި އެބައްދަލުވުން ކުރިއަށްގެންދިޔަ ކަމެއް އޭރު ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެބައްދަލުވުމުން ބޭނުންވި މައުލޫމާތެއް ނުލިބޭ ކަމަށް ވެސް ރައީސްގެ ޓުވީޓުތަކުގައިވެ އެވެ.
ރަޝިއާގެ ވަކީލު ނަޓާލިއާ ވެސެލްނިޓްސްކާޔާއާ ޓްރަމްޕް ޖޫނިއާ ބައްދަލު ކުރެއްވި ކަމަށް ފުރަތަމަ ރިޕޯޓު ކުރީ ނިއު ޔޯކް ޓައިމްސް އިންނެވެ. އޭރު ޓްރަމްޕް ޖޫނިއާ ވަނީ އެއީ އެމެރިކާގެ ރައްޔިތުން، ރަޝިއާގެ ކުޑަކުދިން އެޑޮޕްޓު ކުރުމާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ފަހުން އޭނާ ވަނީ އެބައްދަލުވުން ބޭއްވީ، ހިލަރީ ކްލިންޓަންއާ ބެހޭ މައުލޫމާތު ދޭނެ ކަމަށް ރަޝިއާގެ ވަކީލު ވިދާޅުވުމުން ކަމަށް އެއްބަސްވެވެޑައިގެންފަ އެވެ.
ގާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި ޓްރަމްޕް ޖޫނިއާގެ އެބައްދަލުވުމަކީ ރިޔާސީ ކެމްޕެއިންގެ ފައިނޭންސް ގާނޫނާ ހިލާފު ބައްދަލުވުމަކަށް ވެދާނެ ކަމަށެވެ. އެގާނޫނުގައި ވަނީ ބޭރު ގައުމެއްގެ ސަރުކާރަކުން ނުވަތަ ރައްޔިތެއްގެ ފަރާތުން ކެމްޕެއިނަށް އަގު ހުރި އެއްވެސް އެއްޗެއް ހޯދުން މަނާކޮށްފަ އެވެ.