18 Sep 2011, 15:06
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އޭ ކެޓަގަރީއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުތަކަށް ހާޒިރުނުވާ ފަރާތްތަކުން މިމަހުގެ 27 ގެ ކުރިން ވެށިފަހި މާލޭ ޕްރޮގްރާމް އޮފީހަށް ގުޅައި އިންޓަވިއުގެ ކަންތައްތައް ނިންމަން އެ އޮފީހުން އަންގައިފި އެވެ.
ވެށިފަހިމާލޭ އޮފީހުން މިއަދު ނެރެފައިވާ އިޢުލާނެއްގައިވާ ގޮތުގައި އޭ ކެޓަގަރީއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް އިންޓަވިއުއަށް ހާޒިރުވެފައިނުވާ ފަރާތްތަކުން މިމަހުގެ 27 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އިންޓަވިއުގެ ކަންތައް ހަމަޖެއްސައި ނިންމަން ޖެހޭނެ އެވެ.
ވެށިފަހި މާލޭ ޕްރޮގްރާމްގެ ޑިރެކްޓާ ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ މާލެއިން ލިބިފައިވާ ކުޑަ ބިންކޮޅު ދޫކޮށްލުމަށްފަހު ވެށިފަހި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭން ބިމަކަށް އެދި ގާތްގަނޑަކަށް 1200 ފަރާތަކުން ފޯމް ހުށަހަޅާފައިވާއިރު އޭގެތެރެއިން 150 އެއްހާ މީހަކާ ގުޅުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކެޓަގަރީގެ މަސައްކަތްތައް މުޅިން ނިންމާލެވޭނީ ފޯމް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުގެ މައުލޫމާތުތައް ސާފުކޮށް ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ކެޓަގަރީގެ މަސައްކަތް ނިމުމުން ޝަކުވާ ހުށަހަޅާނެ ކޮމިޓީއެއް އެކުލަވާލުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އޭ އެކެޓަގަރީ އަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި އެބަތިބި ރާއްޖޭން ބޭރުގައި ތިއްބަވާ ބޭފުޅުން އެހެން މީހުން މެދުވެރިކޮށް ފޯމް ހުށަހަޅާފައި. ނޫނިއްޔާ ފޯމްގައި ދީފައި އޮންނަ ނަމްބަރަކީ މިހާރު ބޭނުންކުރާ ނަންބަރެއް ނޫން ކަމުގައި ވެދާނެ. އެހެންމެ އިންޓަވިއުއަކަށް އިޢުލާންކޮށްލީ އެފަރާތްތަކަށް އެފުރުސަތު ދިނުމަށް،" އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ އެޕްރޮގްރާމްގެ ދަށުން ހުށަހަޅާފައިވާ އެއްވެސް ފޯމަކީ ބާތިލް ފޯމަކަށް ވެގެން ނުދާނެ ކަމަށާއި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެއް ކެޓަގަރީން ޝަރުތު ހަމަނުވެއްޖެނަމަ އެހެން ކެޓަގަރީއަކަށް އޮޓޮމެޓިކުން ދާނެ ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ އޭ ކެޓަގަރީގެ ދަށުން ހުޅުމާލެއިން ބިން ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވާ ލޯނުގެ މަސައްކަތް ވެސް ވަރަށް ބަރަށް ކުރިއަށްދާ ކަމަށެވެ.
" މިހާރު ދިވާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިން ލިބޭ ފަރާތްތަކަށް ގޯތި އެޅުމަށް ބޭނުންވާ ލޯން ފައިސާ ލުއިގޮތަކަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން،" އާދަމް މަނިކު ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ދަށުން މާލެއާއި ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ އަހަރު ފެށޭއިރު އެތަންތަންތަން ނިމޭނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ. އަދި ވިދާޅުވީ ބީ ކެޓަގަރީގައި ހިމެނޭ ފަރާތްކުގެ އިންޓަވިއުތަކުގެބައި މާދަމާއިން ފެށިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.
މާލޭގެ ތޮއްޖެހުން ނައްތާލުމަށް ސަރުކާރުން ފަށާފައިވާ ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ހުޅުވައިލި ފުރުސަތުގައި 23،000 އަށްވުރެ ގިނަ ފޯމް ހުށަހެޅި އެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭން ދޫކުރުމަށް ހަމަޖައްސާފައިވާ 1200 އަކަފޫޓުގެ 250 ގޯތީގެ ތެރެއިން 104 ފަރާތްތަކަށް ވަނީ ގޯތި ލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.