06 Aug 2018, 14:40
ކުޑަކުދިންނަށް އަމާޒުކޮށްގެން ކޮޕީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަހުމަދު ޒިޔާ އަދި މުހައްމަދު ރިފްއަތު ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ކަނޑު އިބިލީސް" އަންނަ ބޮޑު އީދު ފަހުން އަޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.
"ސަން" އަށް ވާހަކަ ދައްކަމުން ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ޒިޔާ ބުނީ، ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި ދެން އޮތީ ފިލްމު ރިލީޒް ކުރުން ކަމަށެވެ. އޭނާ ބުނީ ފިލްމު އެޅުވުން ލަސްކުރަމުން ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކަމަށެވެ. ފިލްމު އަޅުވާނެ ތާރީހް ވެސް ކަނޑައަޅާނީ އީދު ފަހުންނެވެ.
"ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި މިއޮތީ ދެން ރިލީޒްކުރަންވެފައި. އެކަމަކު މި ދަނޑިވަޅުގައި ފިލްމު އެޅުވުން މަޑު ޖައްސައިގެން މިތިބީ ސިޔާސީ ކަންކަން އޮތީމަ، އީދު ފަހުން ފިލްމު އަޅުވާނެ ޑޭޓެއްވެސް ކަނޑައަޅާނަން،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައިވާ ޒިޔާ ބުންޏެވެ.
ކަނޑު އިބިލީސް--
އިތުރަށް ވާހަކަ ދައްކަމުން ޒިޔާ ބުނީ، އަނެއްކާވެސް ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ބިދަބިން ބޮޑުބެރު ގްރޫޕްގެ ފަރާތުން ކިޔާ އެ ލަވަ ހަފްތާއެއްގެ ތެރޭގައި ގެނެސްދެވޭނެ ކަމަށް އޭނާ ބުންޏެވެ.
"ކަނޑު އިބިލީސް" އަކީ ހދ. ކުޅުދުއްފުށީގައި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވާ ފިލްމެކެވެ. ކޮޕީ އިއްސެގެ ވާހަކައެއްގެ މައްޗަށް ހަދާ އެ ފިލްމުގައި ކުޅުދުއްފުށީ 100 އަށްވުރެ ގިނަ ކުޑަކުދިން ބައިވެރިކޮށްފައިވެއެވެ.
އެ ފިލްމު ފުރަތަމަ ރިލީޒް ކުރުން ވެސް އޮތީ ކުޅުދުއްފުށީގައެވެ. އަދި އެއަށްފަހު ރާއްޖެތެރޭ ބައެއް ރަށް ރަށުގައި ފިލްމު އެޅުވުމަށްފަހު އައިސް މާލޭ އަދި ހުޅުމާލެ ސިނަމާގައިވެސް ފިލްމު ދައްކާނެ ކަމަށް ޒިޔާ ބުންޏެވެ.
އަމިއްލަ ރާގުގެ ލަވަ އެއް ހިމެނޭ އެ ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާއެވެ. އެ ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.