ސެޕްޓޭމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ރަށްވެހިވާ ރަށް ނޫން އެހެން ރަށަކަށް ރީ-ރެޖިސްޓާ ވެފައިވާ މީހުންގެ އަދަދު 37،000 އަށް އަރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް ރީ ރެޖިސްޓާ ވެފައިވާ މީހުންގެ އަދަދު 37،000 އަށް އަރާފައިވާ ކަމަށެވެ.

އަދި 2013 ވަނަ އަހަރުގެ އިންތިހާބަށް ވުރެ ގިނައިން މިފަހަރުގެ އިންތިހާބަށް ރީ-ރެޖިސްޓްރީ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ގަބޫލު ކުރެވެނީ 60،000 އާއި 70،000 ދެމެދުގެ އަދަދަކަށް މިފަހަރުގެ އިންތިހާބަށް ވެސް މީހުން ރީ-ރެޖިސްޓްރީ ކުރާނެ ކަމަށް." އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ރީ-ރެޖިސްޓާ ވުމަށް އޮންނަ ފުރުސަތު ބަންދު ވާނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 260،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވެ އެވެ.

މި ފަހަރުގެ އިންތިހާބުގައި 2013 ވަނަ އަހަރުގެ އިންތިހާބަށް ވުރެ ގިނަ މީހުން ރީ-ރެޖިސްޓާ ވާނެ ކަމަށް ބެލެވިފައިވާ އިރު، މި އަހަރުގެ އިންތިހާބުގައި ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު ވެސް ކުރީގެ އިންތިހާބަށް ވުރެ ގިނަ ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.