06 Aug 2018, 11:43
ކަރާކަސް (އޮގަސްޓު 6): ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަވަހާރަކޮށްލަން ދިން ކަމަށް ބެލެވޭ ހަމަލާއާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރު ނެސްޓޯ ރެވެރޮލް ވިދާޅުވި ގޮތުގައި އެ ހަ މީހުންނަކީ ހޮނިހިރު ދުވަހު ޑްރޯންތަކެއް ގޮއްވާލައިގެން ރައީސް މަޑޫރޯއަށް ހަމަލާދޭން މަސައްކަތް ކުރި ގުރޫޕަށް ނިސްބަތްވާ މީހުންނެވެ.
ވެނަޒުއޭލާގެ އަސްކަރިއްޔާގެ 81 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އެހަމަލާ ދީފައި ވަނީ ރައީސް ހިތާބެއް ދެއްވަނިކޮށެވެ. އަދި އެ ހާދިސާގެ ވީޑިއޯއިން ބާރުގަދަ ގޮވުމެއްގެ އަޑު ދެ ފަހަރަށް އިވިގެންދެއެވެ.
ވެނަޒުއޭލާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ހޮރްހޭ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި އެ ހާދިސާގައި ބޮން ހަރުކޮށްފައިވާ ދެ ޑްރޯން ވަނީ ރައީސް ހުންނެވި ސްޓޭޖް ކައިރީގައި ގޮއްވާލާފައެވެ.
Venezuelan President Nicolas Maduro unharmed after an assassination attemp by dronespic.twitter.com/AMBZTEu6An
— China Xinhua News (@XHNews)August 5, 2018
އޭގެ ފަހުން ރައީސް މަޑޫރޯ ވަނީ އޭނާގެ ހާލުކޮޅު ރަނގަޅުކަން އިއުލާން ކުރައްވާފައިއެވެ. އަދި އެ ހަމަލާ ދިން ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެފައެވެ.
މަޑޫރޯގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި ވަނީ އިދިކޮޅު ފަރާތްތަކާއި އަވަށްޓެރި ކޮލޮމްބިއާއެވެ. އަދި އެމެރިކާއިން ވަނީ އެކަމަށް ހިތްވަރުދީފައި ކަމަށްވެސް އެ ސަރުކާރުން ބުންޏެވެ.
ނަމަވެސް ކޮލޮމްބިއާއާއި އެމެރިކާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
މީގެ އިތުރުން، ބައެއް ފަރާތްތަކުން ވަނީ ރައީސަށް އަމާޒުކޮށް ހަމަލާއެއް ނުދޭ ކަމަށްވެސް ބުނެފައެވެ. އެގޮތުން ފަޔާފައިޓަރުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްގައިވާ ގޮތުން އެ ހަފްލާގައި އަޑު އިވިގެން ދިޔައީ އެސަރަހައްދުގައި ހުރި ގެޔެއްގައި ގޭސް ޓޭންކެއް ގޮވި އަޑެވެ.