އަމީނީމަގުގައި ހުންނަ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ދެ އޭޓީއެމް ހުޅުވައިފިއެވެ.

އޭޓީއެމް ހުޅުވުން އޮތީ މިއަދު ހެނދުނު، އެ ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އަދި އޭޓީއެމް ހުޅުއްވައި ދެއްވީ، އެމްއައިބީގެ އެކްޓިން ސީީއީއޯ އަހުމަދު ރިޒާއާއި ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ މުއާވިއަތު މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ރިޒާ ވިދާޅުވީ، އާ އޭޓީއެމްތައް ހުޅުވުނު ސަރަހައްދަކީ ވަރަށް ގިނަ އޮފީތަކާއި، ކޮލެޖުތަކާއި ކައިރި ސަރަހައްދެއް ކަމުން އެމްއައިބީގެ ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

އެމްއައިބީގެ އެކްޓިން ސީީއީއޯ ރިޒާ އާ އޭޓީއެމްތައް ހުޅުއްވައި ދެއްވަނީ.-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވަރަށް އަވަހަށް އެމްއައިބީގެ އޭޓީއެމްތައް ބޭނުންކޮށްގެން ފައިސާ ޖަމާ ކުރެވޭނެ ގޮތް ހަދާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

އަލަށް ހުޅުވި އޭޓީއެމްތަކުން، އެމްއައިބީގެ އެހެން އޭޓީއެމްތަކާ އެއްގޮތަށް، އެ ބޭންކުގެ ފައިސާ ކާޑު ބޭނުންކޮށްގެން ދުވަލަކު 20،000ރ. ނެގޭނެއެވެ. ނަމަވެސް އެއްފަހަރާ އެންމެ ގިނައިން ނެގޭނީ 10،000ރ. އެވެ.

އެމްއައިބީގެ އޭޓީއެމްތަކުން ދިވެހިބަހާއި، އިނގިރޭސި ބަހުގެ އިތުރުން ރާއްޖޭގައި ގިނަ އަދަދަކަށް މަސައްކަތްތެރިން ހަރަކާތްތެރިވާ ބަންގްލަދޭޝް ބަހުން މުއާމަލާތް ކުރެވޭނެއެވެ.

މިއަދު ހުޅުވި އޭޓީއެމް ތަކަކީ، އެމްއައިބީގެ 12 ވަނަ އޭޓީއެމް އައުޓްލެޓެވެ.

އެ ކުންފުނީގެ އޭޓީއެމެއް މިދިޔަ މެއި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ހުޅުވި އެވެ. އެ އޭޓީއެމް ހުންނާނީ އިންޓަނޭޝަނަލް އެރައިވަލް ގޭޓާއި، ޑޮމެސްޓިކް ޓާމިނަލާއި ދެމެދުގައެވެ.