އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްރަށުގެ ހުރިހާ މިސްކިތްތަކެއް ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަމަށާއި އިސްމާކީ މަރުކަޒު ފިޔަވައި މާލޭގެ ހުރިހާ މިސްކިތްތަކެއް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.

އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިސްކިތްތަކާއި އެ ތަންތަނުގެ މުވައްޒަފުން ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ބަދަލު ކުރެވުނު ކަމުގައި ވިޔަސް، އިމާމުން ތަމްރީން ކުރުމާއި، އިމާމް ކަމުގެ ހުއްދަ ދޫކުރުމުގެ ކަންތައްތައް އަދިވެސް ބަލަހައްޓާނީ މިނިސްޓްރީން ކަމަށެވެ.

ރަށްރަށުގެ މިސްކިތްތައް މިހާރު ވަނީ ރަށު ކައުންސިލްތަކާ ހަވާލުކޮށްފައި ކަމަށާއި މާލޭގައި ހުރި 33 މިސްކިތް މާލެ ސިޓީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ. އެ މިސްކިތްތަކުގެ އިމާމުންނާއި، ޖަމާއައްތެރިންނާއި، އިދާރީ މުވައްޒަފުންގެ ގޮތުގައި ހިމެނޭ 63 މީހުން ވެސް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ހަމަގެހިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަމަވެސް ކުރިއެކޭ އެއް ގޮތައް އިސްލާމީ މަރުކަޒު ބަލަހައްޓާނީ އެ މިނސްޓްރީންނެވެ.

"އަޅުގަނޑުމެން ނިންމާފައިވަނީ އިސްލާމިކް މަރުކަޒު ގައުމީ ތަނެއް ގޮތުގަ ހަމަޖައްސަން. ވީމާ އެތަން ފިޔަވައި ދެންހުރި މިސްކިތްތައް ހަވާލު ކުރެވޭނެ." ޑރ. މަޖީދު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލާ މިސްކިތްތައް ހަވާލުކުރުން ލަސްވެފައިވަނީ އެތަނުން ބަލަންޖެހޭ ބައެއް ކަންތައްތައް ހުރުމުން ކަމަށާއި އެކަންކަން ނިމުނުހާ އަވަހަކަށް މިސްކިތްތަށް ހަވާލުކުރެވިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.