06 Aug 2018, 09:34
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަޅާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރިއަށްދާކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނެފިއެވެ.
އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީގެ ބިންލާދިން ގްރޫޕާއެވެ. އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރިއަށް ނުދާކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ. ނަމަވެސް އެމްއޭސީއެލްއިން ބުނީ މަސައްކަތް ކުރިއަށްދާ ކަމަށާއި ކޮންޓްރެކްޓަރު ބަދަލު ނުކުރާނެ ކަމަށެވެ.
ތިން ސަތޭކަ މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޕައިލިންގެ މަސައްކަތެވެ. އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން 73،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތްތަކާ ގުޅޭގޮތުން ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"އެއްފަހަރާ ހުރިހާ މަސައްކަތެއް ކުރާއިރު ބައެއް ޕްރޮޖެކްޓްތައް ބާރަށް ކުރިއަށް ދަނީ. ޓާމިނަލް އަޅާ ސަރަހައްދުގައި ޕައިލް ޖެހުމުގެ މަސައްކަތް ކުރިއަށް އެ ދަނީ. ގާތްގަނޑަކަށް 1300 ޕައިލް ޖަހާނެ، އޭގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަ ކުރަން،" އޭނާ ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ޕައިލިންގެ މަސައްކަތް ނިމުމަށްފަހު މި އަހަރު ތެރޭ ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތް ފަށާނެ ކަމަށެވެ.
ޓާމިނަލްގެ މަސައްކަތް ނިމުމާއެކު މިހާރު އިންޓަނޭޝަނަލް ޓާމިނަލުން ލިބޭ ހިދުމަތްތަކަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އެގޮތުން 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރަށް ތަރައްގީކުރާ އާ ޓާމިނަލްގައި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. ފްލައިޓަށް އެރުމަށް އެއިރޯ ބްރިޖުތައްވެސް ގާއިމް ކުރާނެއެވެ.