18 Sep 2011, 14:19
ފުވައްމުލަކުގެ ގެއެއްގައި އަލިފާން ރޯވެއްޖެ އެވެ. ރޭ މެންދަމު ރޯވެފައި ވަނީ ދޫޑިގަމު އަވަށު ބިލެތްމާގޭގެ ކޮޓަރިއެއްގަ އެވެ. އަލިފާން ރޯވި ކޮޓަރީގައި ކުޑަ ދެކުއްޖަކު ނިދާފައި ތިބި ނަމަވެސް އަލިފާނުގައި އެއިން ކުއްޖަކަށް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.
އަހުމަދު މުހައްމަދު، ބިލެތްމާގޭ ވެރިފަރާތް މިއަދު ބުނީ އޭނާގެ ގޭގައި ރޭ ބަޔަކު އަލިފާން ރޯކޮށްލީ ކަމަށެވެ. އަދި ބުނީ ރޯކޮށްލީ އޭނާގެ އުފަން ދެ އަންހެން ކުދިންނާއި ކާފަ ކިޔާ ހަ އަހަރުގެ ކުއްޖަކު ނިދާ ކޮޓަރީގައި ކަމަށާއި ރޯކޮށްލިއިރު ވެސް ހަ އަހަރުގެ ކާފަ ދަރިފުޅާއި 16 އަހަރުގެ އަންހެން ދަރިފުޅަކު އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށެވެ.
އަހުމަދު ބުނީ އޭނާގެ ހަ ކުދިންނާ ކާފަ ދަރިން ވެސް ދިރި އުޅޭގޭގައި އަލިފާން ރޯކޮށްލިއިރު ބައެއް ކުދިން ތިބީ ހޭލާ ކަމަށެވެ.
"އަޅުގަނޑަށް ހޭލެވުނީ ކުދިން ރޮއި ހަޅޭއްލަވާ އަޑަށް،" އަހުމަދު ބުންޏެވެ. އަހުމަދު ބުނީ ރޭ މެންދަމު އަލިފާންގަނޑު ނިއްވައިލީ ވެސް އޭނާއާއި ދަރިން ފެންޖަހައިގެން ކަމަށާއި އަލިފާނުގައި ކޮޓަރީގެ ކުޑަދޮރުތަކާއި ބައެއް ތަންތަން އަނދައިގެން ގޮސްފައިވަ ކަމަށެވެ.
"އަލިފާންގަނޑު ދޮރުފޮތިގަނޑުގަޔާ ދޮރުގައި ހިފީ ކުޑަދޮރުގެ ބިއްލޫރިތަކަށް ހޫނުވެގެން ތަޅައިގެން ދިއުމުން،" އަހުމަދު ބުންޏެވެ.
އަލިފާނުގެ އެ ހާދިސާއަކީ ގަސްދުގައި ބަޔަކު ހިންގާފައިވާ ހާދިސާއެއް ކަމަށް އަހުމަދު ތުހުމަތުކުރާއިރު އޭނާ ބުނަނީ ރޯކޮށްލާފައި ވަނީ ޕެޓްރޯލް ޖަހައިގެން ކަމަށާއި ރޯކޮށްލި ކުޑަ ދޮރާ 15 ވަރަކަށް ފޫޓު ދުރުގައި ޕެޓްރޯލް އަޅާފައިވާ ފުޅިއެއް ވެސް އޮތް ކަމަށެވެ.
"އަލިފާނުގެ ހާދިސާ ފުލުހުންނަށް ވެސް ރިޕޯޓު ކޮށްފައިވާނެ. ރޭ އެ ހާދިސާ ހިނގުމުގެ ކުރިން ޕެޓްރޯލް ފުޅިއެއް ހިފައިގެން ދެ ކުއްޖަކު އުޅުނު ކަމަށް ބައެއް މީހުން ވެސް ވަނީ މައުލޫމާތު ދީފަ،" އޭނާ ބުންޏެވެ. "އަޅުގަނޑުގެ ގޭގައި ރޯކޮށްލާން ޖެހުނީ ކީއްވެ ކަމެއް ނޭނގޭ. އަދި އެފަދަ އިންޒާރެއް [އަޅުގަނޑުގެ[ ކުއްޖަކަށް ދީފައިވާ ކަމެއް ވެސް ނޭނގޭ،"
ބިލެތްމާގެއަށް ޕެޓްރޯލް ޖަހައި އަލިފާން ރޯކޮށްލީ ކަމަށް އެގޭ މީހުން ތުހުމަތު ކުރާއިރު އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތުހުމަށް ތިން މީހަކު ވެސް ފުވައްމުލަކުން ހައްޔަރުކޮށްފައެވެ. އެއީ ކޮންބައެއް ކަމެއް ފުލުހުންނެއް ނުބުނެ އެވެ.
ބިލެތްމާގޭ އަލިފާނުގެ ހާދިސާއިން އެގޭގެ ކުދިންނަށް ސަލާމަތް ވެވުނު ނަމަވެސް ރޯކޮށްލި ކޮޓަރީގައި ނިދާފައި އޮތް ދެ ކުދިންގެ ތެރެއިން ހަ އަހަރުގެ ކުޑަ އަންހެންކުއްޖާއަށް ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
"މިއަދު ސްކޫލަކަށް ވެސް ނުދިޔަ. އެކަން ހިނގިފަހުން ވާހަކަ ވެސް ދައްކަނީ ވަރަށް މަދުން. ބުނަނީ ސްކޫލްގައި ވެސް އަލިފާން ރޯވެފައި ހުރި ކަމަށް. ގޭގައި ވެސް ނުހުންނަން ވެގެން އުޅެނީ،" އެކުއްޖާގެ ކާފަ އަހުމަދު ބުންޏެވެ.