ބަތަލާ އީޝާ ގުޕްތާއާއި ކްރިކެޓް ކުޅުންތެރިޔާ ހަރްދީކް ޕާންޑްޔާ ކައިވެނި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އީޝާ ދޮގުކޮށްފިއެވެ.

އީޝާ ކައިވެނިކުރަން އުޅޭކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވަނީ އޭނާ ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭތޯ އެހުމުން އޭނާ އެކަން ސީދާ ދޮގުނުކުރުމުންނެވެ.

ނަމަވެސް ކައިވެންޏާ ގުޅޭގޮތުން ސުވާލު ކުރުމުން އީޝާ މިވަނީ ވަރަށް ސާފު ޖަވާބެއް ދީފައެވެ.

"ކައިރި މުސްތަގުބަލެއްގައި ކައިވެނި ކުރާކަށް އަހަރެން ނޫޅެން. އެ ވަގުތު ޖެހުމުން އެންމެނަށް ވެސް އެނގޭނެ،" އީޝާ ބުންޏެވެ.

އީޝާ އާއި ހަރްދީކް ފުރަތަމަ ފަހަރަށް ބައްދަލުވީ މި އަހަރު ކުރީކޮޅު ޕާޓީއަކުންނެވެ. ނަމަވެސް ފުރަތަމަ ހަރްދީކް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބެލެވުނީ ބަތަލާ އެލީ އަވްރަމް އެވެ.

އީޝާ އާއި ހަރްދީކް ގުޅިގެން އުޅޭކަމަށް ބުނަން ފެށީ ޖޫން މަހު ހަރްދީކް އާއި އެލީގެ ގުޅުން ނިމުމަކަށް އައި ހިސާބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި ގުޅުމުގެ ވާހަކަ ދައްކަން މާ އަވަސް ކަމަށާއި އެހެން ކަމުން ދެމީހުން ވެސް ގުޅުން ސިއްރު ކުރަނީ ކަމަށް އީޝާގެ ގާތް މީހަކާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.