06 Aug 2018, 09:10
ދެހާސް ސާދަ ވަނަ އަހަރު މިސް އިންޑިއާގެ ލަގަބު ލިބުނު ޖަތަލޭކާ މަލްހަތުރާ، ކާމިޔާބު ޑައިރެކްޓަރު/ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ބޮލީވުޑަށް ނެރެން ނިންމައިފިއެވެ.
ބަތަލާ ބޫނަމްގެ ދަރިފުޅު އަންމޯލް ތަކޭރިއާ ވެސް ބޮލީވުޑަށް ތައާރަފްވާނީ މި ފިލްމުންނެވެ. މި ފިލްމުގައި ޖަތަލޭކާ ފެނިގެންދާނީ އަންމޯލްގެ ލޯބިވެރިޔާގެ ރޯލުންނެވެ.
"ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް" ލޯބީގެ އެކްޝަން ފިލްމުގެ ޝޫޓިން މިހާރު ލަންޑަންގައި ފަށައިފިކަމަށް ބަންސާލީ ބުންޏެވެ. ލަންޑަންގައި 33 ދުވަހުގެ ޝޫޓިން އަށް މަޑުކޮށް ފިލްމުގެ ބާކީ މަންޒަރުތައް މުމްބާއީގައި ޝޫޓް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ފިލްމުގެ ޝޫޓިން ފެށިނަމަވެސް އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.
މި ފިލްމުވެގެންދާނީ ބޮލީވުޑަށް އަލަށް ތައާރަފްވާ ދެ ތަރިންގެ ފިލްމަކަށެވެ. ބަންސާލީ އެންމެ ފަހުން ނެރުނު ފިލްމަކީ "ޕަދްމާވަތު" އެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބ އެއް ހޯދާފައެވެ.