05 Aug 2018, 20:41
ޔޫރަޕުގެ އިއްތިހާދުން ރާއްޖެއަށް ފިޔަވަޅުއަޅަން އެކުލަވާލާފައިވާ ފްރޭމްވޯކްގައި އެއްވެސް މީހެއްގެ ނަން ހިމެނިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަނުން އެ ފްރޭމްވޯކް އެކުލަވާލީ މިދިއަ މަހުގެ 16 ވަނަ ދުވަހު އެވެ. ފްރޭމްވޯކްގައި މިހާތަނަށް އެއްވެސް މީހެއްގެ ނަމެއް ހިމަނާފައެއް ނުވެ އެވެ.
މިނިސްޓަރު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރިވެރިންގެ ނަން އީޔޫގެ ފިޔަވަޅުއަޅާ ލިސްޓުގައި ހިމަނާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އެ ވިޔަފާރިވެރިންނަށް ބިރުދައްކާ ފައިާ ހޯދަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"އެފަރާތްތަކުން އީޔޫގެ ފްރޭމްވޯކުގައި ހިމެނާފައިވާ އެއްވެސް ނަމެއް ލިސްޓު ކިޔާލަން އެބަޖެހޭ،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ އީޔޫއިން ފްރޭމްވޯކުގައި އެއްވެސް ފަރާތެއްގެ ނަން ހިމެނިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދަ ކަމަށެވެ.
އީޔޫއިން މިދިއަ މަހުގެ 16 ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައިވަނީ މިހާރުގެ ހާލަތު އިތުރަށް ގޯސްވާ ނަމަ، ނުވަތަ މިހާރުގެ ހާލަތަށް ބަދަލު ނައިސްފި ނަމަ ފިޔަވަޅު އަޅާނެ މީހުން ކަނޑައަޅާނެ ކަމަށެވެ.
ވަކިވަކި މީހުންނަށް ފިޔަވަޅު އަޅާއިރު ގާނޫނީ ނިޒާމު ދެމެހެއްޓުމަށް ހުރަސްތައް ކުރިމަތި ކުރުވާ ފަރާތްތަކާއި ސިޔާސީ ހައްލުތައް ރާއްޖެއަށް ހޯދުމަށް ހުރަސް އަޅާ ފަރާތްތަކުގެ އިތުރުން އިންސާނީ ހައްގުތަކަށް ފޯރުކޮށްދިނުމަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ.
އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެފަރާތްތަކަށް ޔޫރަޕުގެ ގައުމުތަކަށް ދަތުރުނުކުރެވޭ ގޮތް ހެދުމާއި ޔޫރަޕުގައި އެފަރާތްތަކުގެ އެސެޓެއް ހުރި ނަމަ ފްރީޒްކުރުން ހިމެނެ އެވެ.