ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މެނިފެސްޓޯ ވައުދުތައް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކޮޕީ ކުރައްވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މާލޭގައި ރޭ ޖަގަހައެއް ހުޅުއްވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ. އަދި މިއަދު ތ. އަތޮޅުގެ ރަށަކަށް ވަޑައިގެން އެ އަތޮޅުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޕީޕީއެމުން މިއަދު ސަކީނާ މަންޒިލްގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ތިންލައްކަ މީހުން އާބާދު ކުރެވޭ ވަރުގެ ސަހަރެއް ވިލިމާލެ 2 ގެ ނަމުގައި އިފްތިތާހު ކުރައްވައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.

އެހެން ރައީސް ޔާމީން ވިދާޅުވިތާ ދެތިން ހަތަރު ދުވަހެއް ފަހުން "ތިމަންނާވެސް ރައްޔިތުންނަށް ގޯތި ގެދޮރު އަޅައިދޭނަމޭ" އިބޫ ވިދާޅުވި ކަމަށް ނިހާން ވިދާޅުވި އެވެ. އެކަމަކު ގޯތި ގެދޮރު އަޅައިދޭނެ ގޮތެއް ވިދާޅު ނުވެވުން ކަމަށް ނިހާން ވިދާޅުވި އެވެ.

" އެހެންވީމަ މި ވައުދުތަކާއި އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންނާ ހަމައަށް ވިއްކާ ވައުދު، ރައްޔިތުންނާ ހަމައަށް ގެނެސްދީ ނިމިފައި އޮތް ވައުދު ކޮޕީ ކުރައްވަން ނޫޅުއްވާށޭ ދަންވާލަން ބޭނުން ވަނީ" ނިހާން ވިދާޅުވީ އެވެ.

ވިލިމާލެ 2 ގެ ޕްރޮޖެކްޓް ހިނގާނެ ގޮތާއި ހުރިހާ ކަމެއްގެ ތަފްސީލު ރައީސް ޔާމީން ދެއްވާފައި ވަނިކޮށް އިބޫ ގޯތި ގެދޮރު އަޅައިދޭނެ ކަމަށް ބުނެ ވައުދުވީ "ދިވެހި ރައްޔިތުން ގުނބޯ ހައްދަންތޯ" ނިހާން އެއްސްވި އެވެ.

އިބޫގެ ވައުދުތަކާ ގުޅިގެން ޕީޕީއެމްއަށް ތާއީދުކުރައްވާ ފަރާތްތަކުން ސޯޝިއަލް މީޑިއާގައި "އިބޫ ޕީޕީއެމްގެ މެނި ފެސްޓޯ ކޮޕީ ކުރާ" ކަމަށް ބުނެ ދަނީ ފާޑު ކިޔަމުންނެވެ.

"އަދި ޒަމާނުއްސުރެ ދިވެހިންގެ ބަޔަކު ގުނބޯ ހައްދައިގެން ނެރެ ސަލާމަތީ ބާރުތަކުގެ ގަޔަށް ފަޔަށް ބޮލަށް އަރައި ދިވެހިރާއްޖޭގެ ސަލާމަތް ނަގާލައި ނުރައްކާތެރި މާހައުލަކަށް ރާއްޖެ ވައްޓާލަން އުޅޭ ކޮންމެ ފަހަރަކު ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރައްވަނީ ތޯއޭ؟." ނިހާން ސުވާލު ކުރެއްވި އެވެ.

އޭގެ އިތުރުން ނިހާން ވިދާޅުވީ ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ނަގާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ޒަމާނުއްސުރެވެސް އެމްޑީޕީ ކުރާ ކަމެއް ކަން ފާހަގަކޮށް ނިހާން ވިދާޅުވީ ދިވެހި ފުލުހުންނާ ދިމާއަށް "ގޮޅާ ފޯސް" އޭ ކިޔާ މުހާތަބު ކުރި ދުވަސް ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ.