18 Sep 2011, 13:07
ބޮޑެތި ހިޔާލުތަފާތުވުންތަކަކަށް ފަހު އިއްޔެ ގެޒެޓް ކުރި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދު ބާތިލުކުރަން ހުކުމް ކޮށްދިނުމަށް އެދި ވަރަށް އަވަހަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.
ދީނީ ގޮތުން މުޖުތަމައު ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އިސްލާމިކް ފައުންޑޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފައުންޑޭޝަންގެ ގާނޫނީ ވަކީލު ޝަހީމް އަހުމަދު މިއަދު ވިދާޅުވީ، އެ ގަވާއިދު ހަދާފައިވަނީ ފެހި ގާނޫނޫ އަސާސީގެ ދަށުން ބާތިލު ވެފައިވާ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންކަމަށް ވާތީ އެއީ ކަނޑައެޅިގެން ބާތިލް ގަވާއިދެއް ކަމަށެވެ.
"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަ ބުނޭ ގާނޫނު އަސާސީއާއި ތައާރަޒުވާ ގާނޫނެއް ނޫނީ ގާނޫނުގެ ބައެއްވެސް ބާތިލް ވާނެ ކަމަށް. އެގޮތުން ގާނޫނު އަސާސީން ބާރުލިބޭ އެއްޗެއް ނޫން އެއީ [ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަނަކީ]. އެފަދަ ގާނޫނެއްގެ ދަށުން ކިހިނެތްތޯ ގަވާއިދެއް ހަދާނީ. އެފަދަ ގަވާއިދެއް ހަދާއިރު އަޅުގަނޑުމެން އެބަޖެހޭ އެ ގަވާއިދު ހަދަނީ ސައްހަ ގާނޫނަކުން ފުރުސަތު ލިބިގެންތޯ ބަލަން. މިހާރު މިވާގޮތުން އެ ގަވާއިދު ބާތިލް ވާނެ. އެހެންވެ އެ މައްސަލަ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ވައްދަން ނިންމާފައިވާ ވާހަކަ މި ފުރުސަތުގައި ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް ފައުންޑޭޝަނުން އެމައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ތައްޔާރުވާއިރު ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ބާތިލް ކޮށްދިނުމަށް އެދި ވެސް ވަނީ މީގެ ކުރިން ހައިކޯޓަށް ހުށަހަޅާފައި އެވެ. އެ މައްސަލައިގެ އަޑު އެހުމެއް އަދި ބާއްވާފައެއް ނުވެ އެވެ.
ގަވާއިދުގައި ހުރި ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަށް ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ ވަކި މަދަރުސާތަކަކުން ތައުލީމް ހާސިލްކޮށްފައިވާ ބަޔަކަށް ދީން އުނގަންނައިދެވޭ ގޮތަށް އޮތުމުން މަދަރުސާތަކުގައި މިހާރު އިސްލާމް ކިޔަވައިދެމުންދާ ޓީޗަރުން ކިޔަވައިދިނުމަކީ ވެސް ގާނޫނީ ކުށަކަށްވެފައިވާ ކަމަށެވެ.
"ކިޔަވައިދެއްވާ ގިނަ ޓީޗަރުން އެތިއްބެވީ މި ދެންނެވި ޔުނިވަސިޓީ ތަކުން ތައުލީމް ހާސިލްކޮށްގެނެއް ނޫން. އެހެން ވީމައި އެބޭފުޅުން ކިހިނެތްތޯ ކިޔަވައިދެއްވާނީ. އިސްލާމިކް މިނިސްޓްރީން އެ ވިދާޅުވާ ހުއްދައެއް އެބޭފުޅުންނަށް ދެއްވާފައެއް ނެތް. އެހެން ވީމާ އެބޭފުޅުން ކިޔަވައިދެންޏާ އެބޭފުޅުންގެ މައްޗަށް ދައުވާ ކުރެވޭނެ. މިކަހަލަ ގަވާއިދެއް ހަދާއިރު މިބޭފުޅުން އެބަޖެހޭ ގައުމުގެ ހާލަތަށްވެސް ވިސްނަވަން،" ޝަހީމް ވިދާޅުވި އެވެ.
ބާރަ މާއްދާގެ މައްޗަށް އެކުލެވޭ އެގަވާއިދުގައި "ދީނީ ދާއިރާއަކުން ތައުލީމް" ހާސިލްކޮށްފައިވާކަމަށް ބުނާތީ އެއީ ދީނީ ކޮންދާއިރާއެއް ތޯވެސް ޝަހީމް ވަނީ ސުވާލު އުފައްދަވައިފަ އެވެ.
"އަޅުގަނޑު އަތަށް ފުރަތަމަ ގަވާއިދު އެރީމަ އަޅުގަނޑު ބަލައިލިއިރު ދީނީ ދާއިރާތަކުން ތައުލީމް ހާސިލްކޮށްފައި އެބައޮވޭ. ދާއިރާ ދީނީ މަފްހޫމްގައި އަދި އިލްމްވެރިން ވަރަށް ފުޅާކޮށް މާނަކުރޭ. މިސާލަކަށް ހިސާބު އިލްމާއި ދަނޑުވެރިކަމުން ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށްވެސް ދީނީ އިލްމުއުގަންނައިދެވިދާނެ. ބަސްތަށް ބޭނުންކޮށްފައިވާ ގޮތުން އެބަ އޮޅޭ،" ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން، "އިސްލާމިކް މިނިސްޓްރީއަށް ގަވާއިދު ހެދުމުގެ ބާރެއް ލިބިގެން ނުވާ" ކަމަށާއި "އެއީ ޣައިރު ގާނޫނީ ގަވާއިދެއް" ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝޭހު އިބްރާހިމް ފަރީދާއި އިސްލާމިކް ފައުންޑޭޝަންގެ އިލްމްވެރިން ބައިވެރިވެ ވަޑައިގެން އެ ޕްރެސްގައި ދީނުގެ މަސްދަރުތަކުން ދަލީލު ދައްކަވަމުން ފަރީދު ވިދާޅުވީ ގަވާއިދު އެކުލަވާލާފައިވަނީ ކީރިތި ގުރުއާނާއި ހިލާފަށް ކަމަށާއި އެކަމަށްޓަކައި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ، ﷲއަށް ބިރުވެތިވެ ތައުބާވެ ވަޑައިގަންނަވަންޖެހޭނެ ކަމަށެވެ.
"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުން ދީނުގައި އޮންނަނީ. މިއީ ދީނުގެ އާންމު ގަވާއިދެއް. ވަކި ހުއްދައެއް އެކަމަށް ނަގާކަށް ނުޖެހޭނެ. އިސްލާމް ދީނަކީ މިނިވަން އެއްޗެއް. މިނިވަން އެއްޗެއް. ގުރުއާނާއި ހިލާފަށް، އެންމެ މާތް ދުސްތޫރާ ހިލާފަށް އެއްޗެއް ހެނދުނު ކަމަށްޓަކައި ޑރ. މަޖީދު ﷲ އަށް ބިރުވެތިވެ ވީއަވަހަކަށް ތައުބާވުމަށް ގޮވާލަން،" ފައުންޑޭޝަންގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބު ރައީސް ކަންވެސް ކުރައްވާ ފަރީދު ވިދާޅުވި އެވެ.
ދީނީ ތަގުރީރު ދީގެން ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރައްވާފައިވާ ފަރީދު ވިދާޅުވީ، އެގަވާއިދު ތަންފީޒު ވިޔަނުދިނުމަށް އެންމެ ފަހު މީހާއަށް ޖެހެންދެންވެސް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެންމެހާ އާންމު ރައްޔިތުންވެސް އެކަމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
"އަދި މިއީ ފެށުމެއް. މިއީ އަޅުގަނޑުމެންގެ މަސައްކަތުގެ ފެށުން. އަޅުގަނޑު އެންމެހާ ރައްޔިތުންނަށް ވެސް ގޮވާލަން. ތިބޭފުޅުންވެސް ވީ ވަރަކުން އެ ގަވާއިދާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް. ޑރ. މަޖީދަށް ވަރަށް ލޯތްބާއި އެކު މިގޮވާލަނީ އެ ގަވާއިދު އަލުން މުރާޖައާ ކުރެއްވުމަށް،" ފަރީދު ވިދާޅުވި އެވެ.
އެ ފައުންޑޭޝަންގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވީ އެހެން ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން އެ ގަވާއިދު ހުއްޓުވާ އަދި ބާތިލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެހެން ޖަމްއިއްޔާތަކާއިވެސް ގުޅިގެން އެކަން ކުރުމަށް ވިސްނަމުން މިދަނީ. އަޅުގަނޑުމެން އެންމެނާވެސް ގުޅިގެން އެކަން ކުރާނީ،" ފައުޒީ ވިދާޅުވި އެވެ.