01 Jun 2010, 09:48
14:30
ސެންޓްރަލް އެމެރިކާގެ ބައެއް ގައުމުތަކަށް އައި ބާރުގަދަ ތޫފާނެއް ކަމަށްވާ ތޫފާން އަގަތާގައި މަރުވި މީހުންގެ އަދަދު 144 އަށް އަރައިފި އެވެ.
އަލްޖަޒީރާއިން ބުނާގޮތުގައި މިތޫފާނުގެ ސަބަބުން ސެންޓްރަލް އެމެރިކާގެ ގައުމުތަކުގެ ތެރެއިން ގުއަޓެމާލާ އާއި އެލް ސަލްވަޑޯގެ އިތުރުން ހޮންޑިއުރަސް އަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެތައް ހާސް ބަޔެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ. އަދި ފެންބޮޑުވުމުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 144 އަށް އަރާފައިވާއިރު އިތުރު 53 މީހަކު ގެއްލިފައިވާ ކަމަށް ވެސް އަލްޖަޒީރާއިން މައުލޫމާތު ދެ އެވެ.
މިތޫފާނުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ގުއަޓެމާލާގެ އޮފިޝަލުން ބުނެފައިވަނީ މިތޫފާނުގެ ސަބަބުން އެގައުމުން އެކަނި ވެސް 120 މީހުން މަރުވެފައިވާ ކަމަށާއި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަހައްދުތަކުން އެއްލައްކައަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ގެދޮރު ގެއްލިފައިވާ މީހުން ތިބޭ އިވަކުއޭޝަން ސެންޓަރުތައް ފުރިބާރުވެފައިވާ ކަމަށާއި އެސެންޓަރުތަކުގައި ތިބި މީހުން ކާނާ އާއި ބޯފެނާއި އަންނައުނަށް ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.
މިތޫފާނާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އަވަސް އެހީ ފޯރުކޮށްދިނުމަށް ޓަކައި ގުއަޓެމާލާ އާއި އެލް ސަލްވަޑޯ އަދި ހޮންޑިއުރަސްގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ.