ރިޔާސީ އިންތިޚާބު ފަސްކުރަން ޕީޕީއެމުން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ 23 ސެޕްޓެމްބަރުގައި އިންތިހާބު ބާއްވަން ކަމަށް އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބުނެ ފުލުހުންނާއި ސިފައިން އެކަން ބަލަމުން ދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ރޭ އޭނާގެ ފެސްބުކުގައި ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވަމުން ގެންދަވަނީ ސަރުކާރުން އިންތިހާބު ފަސް ކުރަން އުޅެނީ ކަމަށެވެ.

މިއަދު ޕީޕީއެމުން ސަކީނާ މަންޒިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޕީޕީއެމުން އެއްވެސް ގޮތަކަށް އިންތިހާބު ފަސްކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ރަނގަޅީ ވީހާވެސް އަވަހަކަށް އިންތިހާބު ބާއްވަން ކަމަށް އަދުރެ ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ޕީޕީއެމްގެ ސަރުކާރަކުން ޕީޕީއެމްއަކުންނެއް ރާއްޖޭގެ މަސްލަހަތު ގެއްލޭ ކަހަލަ އެއްވެސް ކަމެއް ނުކުރާނެ. އިންތިހާބު ފަސްކުރާކަށްވެސް މަސައްކަތެއް ނުކުރާނެ. އަޅުގަނޑުމެން ބޭނުންވަނީ ވީހާ އަވަހަކަށް އިންތިހާބު ބާއްވަން،" އަދުރޭ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ތާރީހުގައި އިންތިހާބު ބޭވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ޕީޕީއެމުން ވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއްވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް އަމާން އޮމާން ހާމަކަންބޮޑު އިންތިހާބެއް ބާއްވަައިގެން މި އިންތިހާބު ކާމިޔާބު ކުރާނީ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "މިކަހަލަ ދުވަސްވަރެއް" އައުމުން ރައްޔިތުންނަށް އޮޅުވާލައިގެން ވާހަކަތައް ދެއްކުމަކީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރާ ކަމެއް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަކީ ފެށުނީއްސުރެއް މިހާރު އިދިކޮޅުގައި ތިބި މީހުންގެ ތާރީޚާ ގުޅިފައި އޮތް ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގައި ތިއްބަވައިގެން އިދިކޮޅު ބައެއް އިސް ފަރާތްތަކުން ސިޔާސީ ކަންކަމަށް ފާޑު ކިޔުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރާއްޖޭގައި ތިއްބަވައިގެން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެއްވިއްޔާ މާ ރަނގަޅުވާނެ. އިނގިރޭސި ވިލާތާއި އެނޫން ތަންތާ ތިއްބަވައިގެން މާ މޮޅެތި ވާހަކަ ދެއްކުމުގެ ބަދަލުގައި އުފެދި ބޮޑުވި އަމިއްލަ ފަސްގަނޑުގައި ތިއްބަވައިގެން ގައުމާއި ރައްޔިތުންނާއި ދީނުގެ ވާހަކަ ދައްކަވަން ވަޑައިގަންނަވާށޭ އަޅުގަނޑު މި ދަންވަނީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ފިއްލަވައިގެން ތިބެ "ގާއުކާ ވައްތަރަށް" ފާޑު ނުކިޔުމަށް އެދޭ ކަމާށެވެ. އެގޮތަށް ފާޑު ކިޔުމުން އެނގެނީ އެއީ "ގަޓު ނެތް" ބައެއްކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި "21 ވަނަ ގަރުނުގެ ސިޔާސީ މައިދާނުގައި ފިއްލަވައިގެން ނޫޅެވޭނެ" ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.