ކުދި އަދި މެދު ފަންތީގެ ވިޔާފަރިތަކަށް ޚާއްސަކޮށްގެން މީގެ ކުރިން ހުޅުވާލި "ފަސޭހަ މަދަދު"ގެ ދެ ވަނަ ލޯން ސްކީމް މިއަދު ތައާރަފް ކޮށްފި އެވެ.

ޕީއެސްއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ލޯން ސްކީމް ތައާރަފް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައީދު ވިދާޅުވީ މިއަދު ތައާރަފް ކުރީ ފަސޭހަ މަދަދުގެ ދެ ވަނަ ލޯން ސްކީމުގެ އިތުރުން، އިނޮވޭޓިވް ފައިނޭންސިން ސްކީމެއް ކަމަށެވެ.

އެގޮތުން ފަސޭހަ މަދަދުގެ ތެރެއިން ހަ ދާއިރާއެއްގެ ވިޔަފާރިތަކަށް 74 މިލިޔަން ރުފިޔާ ޚާއްސަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ދާއިރާތަކަކީ ގަރާޖުތަކާއި، އިންޖީނު މަރާމާތުކުރާ ތަންތަނާއި، ވަޑާންކުރާ ތަންތަނުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ގާ އެޅުން ފަދަ ވިޔަފާރިތަކާއި، ޑައިވް ސްކޫލްތައް ހިންގުން އަދި ވޯޓާ ސްޕޯޓްސް ސެންޓަރުތައް ހިންގުން ކަމަށް ސައީދު ވިދާޅުވި އެވެ.

ބާކީ ހަތް މިލިޔަން ރުފިޔާ އަކީ ޕްރޮޑަކްޝަން ހައުސްތައް އުފައްދައި، އެ ތަންތަނަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް ދޫކުރާ ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޕްރޮޑަކްޝަން ހައުސްތައް ކުރިއެރުވުމަށް، އެ ތަންތަނާ ގުޅިގެން ޕީއެސްއެމް އިން މަސައްކަތް ކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މިއަދު ތައާރަފް ކުރި ދެ ލޯން ސްކީމަށް 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ކުރިމަތިލެވޭނެ އެވެ. އަދި މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ލޯން ސްކީމަށް ހުށަހެޅުމަސް އެޕްލިކޭޝަން ފޯމް ދޫކުރާނެ އެވެ.

ފޯމް ބަލައިގަންނާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.