ވޮޝިންޓަން(އޮގަސްޓް 5): އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބަށް ނުފޫޒު ފޯރުވަން ރަޝިޔާ މަސައްކަތް ކުރާނެ ކަމަށް ބަލައި ދުރާލައި ފިޔަވަޅު އަޅަމުން ގެންދާކަމަށް އެމެރިކާ އިން ބުނެފިއެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯންބޯލްޓަން ވިދާޅުވީ އެމެރިކާގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ރަޝިޔާ މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެމެރިކާއިން އެކަމާ ކުރިމަތިލައި ކޮންގްރެސްގެ އިންތިޚާބާއި އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރާނެ ކަމުގައެވެ.

ބޯލްޓަން ވިދާޅުވީ، އެމެރިކާގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ރަޝިޔާ ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން ދުރާލައި ފިޔަވަޅު އަޅަމުންދާ ކަމަށާއި މިދިޔަމަހު ހެލްސިންކީގައި ބޭއްވި ޓްރަމްޕާއި ޕޫޓިންގެ ސަމިޓްގައިވެސް ޓްރަމްޕް އެކަމަށް އިސްކަން ދެއްވި ކަމުގައެވެ.

މި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާގެ ވެރިޔާ ޑެނިއެލް ކޯޓްސްވެސް ވަނީ ނޮވެމްބަރުމަހު ބާއްވާ އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގެ ކަންކަމުގެ ތެރެއަށް ވަނުމަށް ރަޝިޔާ މަސައްކަތްކުރާނެކަމަށް ބަލައި އެމެރިކާ ދުރާލައި އެކަމަށް ތައްޔާރުވެފައިވާކަން ހާމަކުރައްވާފައެވެ. އެމެރިކާގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ރަޝިޔާ ކުރާ މަސައްކަތަކީ އެމެރިކާގެ އެތެރޭގައި ގަޑުބަޑު އުފައްދައި އެމެރިކާގެ ޑިމޮކްރަސީ ހަލާކުކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ޑެނިއެލް ކޯޓްސް ވަނީ ސިފަކުރައްވާފައެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެމެރިކާގައި ދަނީ ޚާއްސަގޮތަކަށް ތަހްގީގް ކުރަމުންނެވެ. މިއީ ރަޝިޔާގެ ބާރާއި ނުފޫޒުގެ ކުރިމަތީގައި އެމެރިކާ ނިކަމެތިވުން ކަމަށް އެމެރިކާގައި ބެލެވޭތީ މިމައްސަލަ ވަނީ އެމެރިކާގައި ވަރަށް ޙައްސާސް މައްސަލަ އަކަށް ވެފައެވެ.

މިމައްސަލަ ތަހްގީގް ކުރައްވާ ޚާއްސަ މުހައްޤިޤް ރޮބަޓް މޯލަރ ވަނީ 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަން ޔަގީންކުރެވޭ ހެކިތަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރަޝިޔާގެ ނުފޫޒުން އެމެރިކާގެ ރިޔާސީ އިންތިޚާބަށް އަސަރުކުރިކަން ނުވަތަ ނޫންކަން މޯލަރގެ ތަހްގީގްތަކުން އަދި ހާމަވެފައެއް ނުވެއެވެ.

ރަޝިޔާއިން އެމެރިކާގެ އިންތިޚާބުގެ ތެރެއަށް ވަންނަނީ ސައިބަރ އުކުޅުތައް ބޭނުންކޮށްގެން އެމެރިކާ މީހުންގެ ވިސްނުމާއި ސިކުނޑިއާ ކުޅެގެންނާއި އެމެރިކާގެ އިންތިޚާބީ ނިޒާމަށް ސައިބަރ ހަމަލާތައް ދީގެން ކަމަށް އެމެރިކާ ބުނެއެވެ. ރަޝިޔާ ވަނީ މިކަމަށް އިންކާރު ކޮށްފައެވެ. (ނޫސް އެޖެންސީތައް)