05 Aug 2018, 16:30
ކުރިއަށް އޮތް އަޟުހާ އީދު ބަންދުގެ ތެރެއިން މި މަހުގެ 22 ވަނަ ދުވަހު ދައުލަތުގެ މާލީ އިދާރާތަކާއި ހުރިހާ ބޭންކުތައް ހުޅުވާފައި ހުންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އަޟުޙާޢީދުގެ މުނާސަބަތުގައި 19 އޮގަސްޓް 2018 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިއްޖެނަމަ، އެ އޮތޯރިޓީއާއި ބޭންކުތަކާއި އެ އޮތޯރިޓީން ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ޚިދުމަތް ދިނުމަށް 22 އޮގަސްޓް 2018 ވާ ބުދަ ދުވަހު ހުޅުވާފައި ހުންނާނެ ކަމަށެވެ.
އެމްއެމްއޭއިން 22 ވަނަ ދުވަހު ހިދުމަތްދޭނެ ގަޑިތައް:
ބޭންކިންގޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރުފަހު 2:00 އަށް.
- ބޭންކިންގޚިދުމަތް (ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން 11:00 އަށް.
- ސިޓީއާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރުފަހު 3:00 އަށް
ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ 12 އޮގަސްޓް ކަމަށް ވެއްޖެނަމަ 19 އޮގަސްޓް އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި ނިންމަވައިފައެވެ.
ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ 12 އޮގަސްޓް ކަމަށް ވެއްޖެނަމަ މިފަހަރުގެ ބޮޑު އީދު ބަންދަށް ނުވަ ދުވަހު ސަރުކާރު ބަންދުވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މިގޮތަށް މިހަމަޖެއްސެވީ މެދުކެނޑުމެއްނެތި މުވައްޒަފުންނަށް އީދު ބަންދު ދުވަސްތައް ލިބިދިނުމަށްޓަކައި ކަމަށެވެ.