ޖަޕާނުގެ އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން މާލޭގެ ބައެއް އިމާރާތްތަކުގައި ސޯލާޕެނަލް ހަރު ކޮށްދިނުމަށް 171 މިލިޔަން ރުފިޔާގެ މަޝްރޫއެއް ފަށައިފި އެވެ.

"ކްލީން އެނާޖީ ޕްރޮމޯޝަން" ގެ ނަމުގައި ޖައިކާއިން މިއަދު ފެށި މަޝްރޫއުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި މާލޭގެ މުހިންމު ބައެއް އިމާރާތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ދެ ބިލިޔަން ޖަޕާނީޒް ޔެން (ގާތްގަނޑަކަށް 171 މިލިއަން ރުފިޔާ) ހަރަދު ކުރަން ވަނީ ނިންމާފަ އެވެ.

ޕްރޮޖެކްޓް އިފުތިތާހު ކުރަން ކަރަންޓް ކުންފުނި، ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ރާއްޖެއާ ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު މރ. ކުނިއޯ ޓަކާޝީ ވިދާޅުވީ ޖަޕާނު އެހީގައި ފަށާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ވެރިރަށް މާލޭގެ ފަސް އިމާރާތެއްގައި ސޯލާ ޕެނަލް ހަރުކުރާނެ ކަމަށެވެ.

ދެ ފިޔަވައްސަކަށް ބަހާލާފައިވާ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގައި ވެސް މާލޭގެ ފަސް އިމާރާތެއްގައި ސޯލާ ޕެނަލް ހަރު ކުރާނެ ކަމަށެވެ. އެއީ އިމާރާތްތަކެއް ކަމެއް އެމްބެސަޑަރު ވެސް އަދި އެނާޖީ މިނިސްޓަރު ވެސް ވިދާޅެއް ނުވެއެވެ.

ފުރަތަމަ ފިޔަވަހީގައި ރައީސް އޮފީހުގެ އިތުރުން ސޯލާ ޕެނަލް ހަރު ކުރަނީ މޯލްޑިވްސް ސެންޓަ ފޯ ސޯޝަލް އެޑިއުކޭޝަނާއި ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރުން ސްޓެލްކޯ އެވެ.

"ފުރަތަމަ ފިޔަވަހީގައި 400 ކިލޯ ވޯޓްގެ ސޯލާ ޕީވީ ގްރިޑް ކަނެކްޓިން ސިސްޓަމް ގާއިމް ކުރެވޭނެ،" މިއަދު ޕްރޮޖެކެޓް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެނާޖީ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ 400 ކިލޯ ވޯލްޓްސްއަކީ ވަރަށް ކުޑަ އަދަދެއް ކަމަށާއި، އެހެންނަމަވެސް މިކަހަލަ ޕްރޮޖެކްޓެއް ފަށައިގަންނަން އެއީ ރަނގަޅު އަދަދެއް ކަމަށެވެ.