05 Aug 2018, 15:34
ސިއްހީ ދާއިރާއިން ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް 11 ދަރިވަރަަކަށް ލޯނު ދޫކުރުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިންނިންމައިފިއެވެ.
ޑީއެޗްއީން މިއަދު ކުރި އިއުލާންއެއްގައި ބުނީ އެ ޑިޕާޓްމަންޓުން 11 ދާއިރާއަކުން ތަމްރީން ކުރުމަށް ލޯން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އެނެސްތީސިއާ، ރޭޑިއޮލޮޖީ، ސައިކޭޓްރީ، އިންޓާނަލް މެޑިސިން، ޖެނެރަލް ސާޖަރީ، ގައިނޮކޮލޮޖީ، ޕީޑިއޭޓްރިކްސް، އީއިންޓީ، އޮތޮޕެޑިކްސް އެންޑް ޓްރޯމާ ސާޖަރީގެ އިތުރުން ޕްރޮސްތުޑޮންޓިކްސް އަދި އެންޑޮޑޮންޓިކްސް ހިމެނެއެވެ.
އެ ލޯނަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި އެމްބީބީއެސް ފުރިހަމަކޮށް މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މަސައްކަތުގެ އެއް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އޭގެ އިތުރުން ސަރުކާރުގެ ހޮސްޕިޓަލެއް ނުވަތަ ހިދުމަތް ދޭ ތަނެއްގައި މަސައްކަތް ކުރާ މީހަކަށްވެސް ވާން ޖެހެއެެވެ.
އެ ލޯނުގެ ފުރުސަތުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން، ވެލާނާގެ 2 ވަނަ ފަންގިފިލާއަށް ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހޭނެކަމަށްވެސް ޑީއެޗްއީން ބުންޏެވެ.