ރާއްޖޭން ބޭރުގައި ހަނގުރާމަކުރި ކަމުގެ ތުހުމަތުގައި، ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުޙައްމަދު ޢަބްދުއްރަޙްމާންގެ މައްޗަށް ކުރި ރާއްޖެއިން ބޭރުގައި ހަނގުރާމައެއްގައި ބައިވެރިވިކަމުގެ ދައުވާ ބާޠިލްކަމަށް ނިންމައިިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްގެން ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަހްމަދު ހައިލަމް ނިންމެވީ، 28 އޮކްޓޫބަރ 2015ގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، މުޙައްމަދު އަބްދުއްރަޙްމާން، ޕާކިސްތާނުގައި ކުރިއަށްދިޔަ ހަނގުރާމައެއްގައި ބައިވެރިވިކަން ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކުން އެނގެން ނެތުމުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާތިލު ދައުވާއެއް ކަމުގައެވެ.

މިއަދުފެ އަޑުއެމުގައި ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އަބްދުލްރަހިމާންގެ މައްޗަށް، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހަނގުރާމައެއްގައި ބައިވެރިވިކަމުގެ ދައުވާ ކުރެވިފައިވާ އިރު، އޭނާގެ މައްޗަށް އެ ދައުވާ ކުރެވޭނީ އޭނާ އެ އަމަލު ކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ކަން ދައުލަތަށް ސާބިތުކޮށްދެވޭނެ ހެއްކެއް ހުށަހެޅި ނަމަ ކަމަށެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށީ 28 އޮކްޓޯބަރު 2015 ގައެވެ.

އަބްދުލް ރަހްމާނާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ އެއްވެސް ބަޔާނެއްގައިވެސް އޭނާ 28 އޮކްޓޯބަރު 2015ގެ ފަހުން ހަނގުރާމައެއްގައި ބައިވެރިވިކަން އަދި ވާނާގައި ދިރިއުޅުނުކަން އެނގެން ނެތް ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. އެހެން ނަމަވެސް ސިއްރު ލިޔުންތަކުގައި އެކަން އޮތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ތާރީހުގެ ކުރިން އަބްދުލްރަހްމާން ޕާކިސްތާނުގެ ވާނާގައި ދިރިއުޅުނުކަން އޭނާ އަމިއްލައަށް އިއުތިރާފުވާ ކަމަށެވެ.

ރައްދުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ އަބްދުލްރަހްމާން ހަނގުރާމައިގައި ބައިވެރިކަމުގެ އަމަލަކީ ދިގު މުއްދަތަކަށް ދެމިގެން ދިޔަ އަމަލެއް ކަމަށެވެ. އަދި އޭނާއާ އަލްގައިދާގެ ލީޑަރުންނާ ގުޅުން އޮންނަ ކަމާއި އޭނާ އަލް ގައިދާގެ ލީޑަރެއްގެ ދަރިއަކާ ކައިވެނި ކުރިކަމަށް އޭނާގެ ބަޔާނުން އެނގެން އޮންނަ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. މީގެ އިތުރުން އަބްދުއްރަހްމާންގެ އަމިއްލަ ބާޔާނުން އޭނާ 2016 ވަނަ އަހަރުވެސް ޕާކިސްތާނުގައި އުޅުނުކަން އެންގެން އޮންނަ ކަމަށް ވިދާޅުވިއެވެ.

އަލްގައިދާގެ ލީޑަރެއްގެ ދަރިއަކާ އަބްދުއްރަހްމާން ކައިވެނިކުރި ކަމަށް އޭނާގެ ބަޔާނުން އެނގެން އޮތް ކަމަށް ދައުލަތުުގެ ވަކީލުން ވިދާޅުވި ނަމަވެސް އެހެން އޮތީ ބަޔާނުގެ ކޮން ތަނެއްގައި ކަން ވަކީލުންނަށް ބުނެ ނުދެވުނެވެ. އަދި ޕާކިސްތާނުގައި އޭނާ 2016 ވަނަ އަހަރު އުޅުނު ނަމަވެސް އެގައުމުގެ ވާނާގައި އުޅުނު ކަން އެނގެން އޮތް ހެއްކެއް ނުދެއްކުނެވެ.

މިއަދު ގާޒީ ހައިލަމް ވަނީ އަބްދުއްރަހްމާން ވާނާގައި 28 އޮކްޓޯބަރު 2015ގެ ފަހުން އުޅުނުކަން އެނގޭ ހެެއްކެއް ދައުލަތުން ހުށަހަޅައިފައިވޭތޯ ތަކުރާރުކޮށް ސުވާލު ކުރައްވައިފައެެވެ. އެހެން ނަމަވެސް ދައުލަތުގެ ވަކީލުންނަށް އެފަދަ ލިޔުމެއް ހެއްކެއްގެ ގޮތުގައި ނުދެއްކުނެވެ. އެއާއެކު ގާޒީ ނިންމެވީ އަބްދުލް ރަހްމާންގެ މައްޗަށް ކުރި ދައުވާ ބާތިލު ކަމަށެވެ.

ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ދައުވާ މުޙައްމަދު އަބްދުއްރަހްމާންގެ މައްޗަށް އުފުލާފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނަށް ކިޔަވަން ގޮސް އެ ގައުމުގެ "ވާނާ"ގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިންގެ ބަޔަކާ ގުޅިގެން ހަނގުރާމަ ކުރަމުންގޮސްފައި ވާތީ ކަމަށް ބުނެއެވެ.

އަބްދުލްރަހްމާންގެ މައްޗަށް މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުން ސަރުކާރުން ހުއްދަ ނުދެނީސް ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހަކު 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ ކަމަށެވެ.