05 Aug 2018, 15:16
މިނިވަން ދުވަހާ ގުޅިގެން އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމެވި ބައެއް ގައިދީން ގެއަށް ބަދަލުކުރަން ފަށައިފިއެވެ.
ރާއްޖޭގެ މިނިވަންކަމަށް 53 އަހަރު ފުރުމުގެ މުނާސަބަތުގައި، އަދަބު ލުއިކޮށްދިނުމަށް ނިންމާފައި ވަނީ މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ މީހުންނެވެ. އަދި އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން، ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާ އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ޚާއްސަ ޝަރުތުތަކަކާ އެކުގަވެ.
ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިޝަރު އަހްމަދު ލުގުމާން ވިދާޅުވީ އަދަބު ލުއިކޮށްދެއްވި ގައިދީން އާއިލާތަކާއި ހަވާލުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި އެކަމުގެ ތަފްސީލް ދެއްވާނީ އެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށެވެ.
އަދަބު ލުއިކޮށްދެއްވާފައިވާ ގައިދީއަކު، ޝަރުތަކާ ޚިލާފުވެއްޖެނަމަ، އެމީހަކަށް އަދަބު ލުއިކޮށްދިންދިނުން ބާތިލުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ، އެމީހަކަށް އަދަބު ލުއިކޮށްދެއްވުމުގެ ކުރިން އެމީހަކު ހުރި ހާލަތަށް ރުޖޫއަވެގެންދާނެ ކަމަށާއި، އަދި އަދަބު ލުއިކޮށްދެއްވި ހުކުމުގެ ތަންފީޒުނުވެ ބާކީ އޮތް މުއްދަތު ތަންފީޒު ކުރަންޖެހޭނެ ކަމަށް ރައީސް އޮފީހުން މީގެކުރިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ޓެރަރިޒަމްގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް ތަންފީޒުކުރަމުންދާ ނުވަތަ ކުރަންޖެހިފައިވާ މީހުން ހިމެނިފައިނުވެއެވެ.
އަަދަބު ލުއިކޮށްދޭން ނިންމަވާފައިވާ ނަމަވެސް، ހުކުމުގައި އަނބުރާ ދައްކަން ޖެހޭ ކަމަށް ބުނެފައިވާ ފައިސާއެއް ދެއްކުމަށް ލުޔެއް ދެއްވާފައެއް ނުވެއެވެ.
ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންގެ އަދަބު ލުއިކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާއިރު، ޑްރަގް މައްސަލަތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާފައިވާ މީހުން ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒު ނުކުރަނީސް ލުއި ދެވިދާނެ ގޮތަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމަށް ގާނޫނަށް ދާދި ފަހުން ވަނި އިސްލާހު ގެނެސްފައެވެ.