18 Sep 2011, 13:17
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ލަސްނުކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑިއެއް ހުސްވުމުގެ ސަބަބުން އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި - އިލެކްޝަން އިއުލާންކުރުމުގެ ކުރިން އެކަންކަން ކޮމިޝަނުން ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ގޮނޑިއެއް ހުސްވެއްޖެ ނަމަ އެކަން ލަސްނުކޮށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް އެދި މަޖިލީހުގެ އިދާރާ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
"... އަދި ގޮނޑިއެއް ހުސްވިކަން އަންގަވާއިރު އެކަމާ ގުޅޭ ލިޔުންތަކުގެ އޮރިޖިނަލް ނުވަތަ އެތަކެތީގެ ސެޓިފައިޑް ކޮޕީ ފޮނުވުމަށްވެސް މިކޮމިޝަނުން އެދިފައިވެ އެވެ. އޭގެ ތެރޭގައި، މެމްބަރަކު އިސްތިއުފާ ދެއްވައިފިނަމަ، އެ މެމްބަރަކު އިސްތިއުފާ ދެއްވިކަން ބަޔާންކޮށް ފޮނުއްވާފައިވާ ލިޔުން. ނުވަތަ، ކޯޓު ހުކުމަކާއި ގުޅިގެން މެމްބަރަކު މެމްބަރުކަމުން ވަކިވެފައިވާނަމަ އެ ހުކުމެއް ހިމެނޭ ރަސްމީ ލިޔުން ހިމެނެ އެވެ." އިލެކްޝަންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެތަކެތި ހޯދުމަށް މަޖިލީހުގެ އިދާރާގައި އެދިފައިވަނީ ހައިކޯޓުން ނެރެފައިވާ ހުކުމެއްގެ ދަށުން ކަމަށް އިލެކްޝަންސް އިން ބުނެ އެވެ. އެގޮތުން އެ ހުކުމުގައި އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަ ނުވެ، މުސްތަގިއްލު މުއައްސަސާއެއް ކަމާއި، އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ގާނޫނު އަސާސީގެ 167 ވަނަ މާއްދާގެ )ށ(ގައި ބަޔާންކޮށްފައިވާ ކަމަށް އިލެކްޝަންސް އިން ބުނެފައިވެ އެވެ. އަދި އިންތިހާބުތަކާއި ހިޔާލު ހޯދުމުގެ ވޯޓުގެ އެންމެހާ ކަންތައް އިލެކްޝަންސް އިން ކުރިއަށްގެންދަންވާނީ އިންސާފުވެރިކަމާއި ބިރުވެރިކަމާއި ތަފާޅުފޮޅުމާއި ނުރަނގަޅު ނުފޫޒު އަދި ކޮރަޕްޝަނެއް ނެތި، މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓު ލެވޭ ގޮތަށް ކަން ކަށަވަރުކުރުން ކޮމިޝަނުގެ މަސްއޫލިއޔަތާއި ބާރުތައް ބަޔާންކޮށްފައި އޮންނަ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގެ )ހ( އާއި އިލެކްޝަންސް ކޮމިޝަން ގާނޫނުގެ 21 ވަނަ މާއްދާގެ )ހ(ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެހުކުމްގައިވެ އެވެ.
ގޮނޑިއެއް ހުސްވެއްޖެ ނަމަ އެކަން އެންގުމަށް އިލެކްޝަންސް އިން މަޖިލީހުގެ އިދާރާގައި އެދިފައި މިވަނީ، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުލްހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެ، ދޮޅު އަހަރު ދުވަހަށް އަރުވާލުމުގެ ހުކުމެއް އައިސްފައިވާތީ އޭނާގެ ގޮނޑި ގެއްލޭނެ ކަމާ މެދު ވަކި ގޮތެއް ކަނޑަނޭޅި އޮތް ދަނޑިވަޅެއްގައި އެވެ.
ކާށިދޫ ދާއިރާގެ ގޮނޑި ހުސްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ، އެ މައްސަލަ ބަލައިނުގެންފަ އެވެ. އަދި ސުޕްރީމް ކޯޓުން ބުނެފައިވަނީ، ކާށިދޫ ދާއިރާގެ ގޮނޑިއާމެދު އިދާރީ ގޮތުން ނިންމުމެއް ނިންމަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ އިދާރާއިން ކަމަށެވެ.
ނަމަވެސް، އަދި މިހާތަނަށް މަޖިލީހުންނާއި އަދި އިލެކްޝަންސް އިން ވެސް ގޮނޑި ހުސްވިކަން ކަށަވަރުކޮށްފައެއް ނުވެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައި ވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ކަމަށެވެ.