05 Aug 2018, 13:31
ސިނަމާލެ ބްރިޖު މަތީގައި ކުރާ ކައިވެނީގެ ފޯމަށް ބަދަލު ގެނެސްފި އެވެ.
ބްރިޖުމަތީ ކައިވެނި ކުރަން ބޭނުންވާ މީހުންނަށް ފޯމު ދޫކުރަން ފެށީ މިއަދު ހެނދުނު އެވެ. ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ސަން އަށް ވިދާޅުވީ ފޯމު ދޫކުރަން ފެށުމާ އެކު ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
"ހީ ކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބުނު ފޯމު ދޫކުރަން ފެށުމާ އެކު. ކުރިން އޮންނާނީ ވެޑިން ޑްރެސް އަށް ދާ ހަރަދު ސަރުކާރުން ދޭ ގޮތަށް، އެކަމަކު ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް މިހާރު ނިންމާފައި ވަނީ އެ ބައި އޮމިޓްކޮށް [އުނިކޮށް]، އެ ފައިސާ ސެޓްއަޕްގެ ކަންތަކަށް ޚަރަދު ކޮށްދިނުމަށް،" ބްރިޖުގައި ކުރާ ކައިވެނީގެ ފޮޓޯ ވެސް ނަގައިދޭނީ ހައުސިން މިނިސްޓްރީ އިންނެވެ.
މީގެ ކުރިން ދޫކުރި ފޯމުގައި ބުނެފައިވާ ގޮތުން ކައިވެނި ކުރާ މީހުންގެ ހެދުމާއި މޭކަޕުގެ ހަރަދު ވެސް ދޭނީ ސަރުކާރުނެވެ. އެގޮތުން އަންހެންކުއްޖާގެ ކައިވެނީގެެ ހެދުމުގެ ހަރަދަށް 15،000 ރުފިޔާ، ފިރިހެން ކުއްޖާގެ ކައިވެނީގެ ހަރަދަށް 7000 ރުފިޔާގެ އިތުރުން މޭކަޕަށް 5000 ރުފިޔާ ދޭނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
ބްރިޖުގައި ކުރާ ކައިވެންޏަކީ ދެމީހުންގެ ވެސް އަލަތު ކައިވެންޏަށް ވާންޖެހެ އެވެ. އެ ކައިވެނީގެ ރަސްމިއްޔާތުގައި 50 މީހުންނަށް ބައިވެރިވެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ކައިވެނީގެ ރަސްމިއްޔާތު ފަސް ތީމަކަށް ބާޢްވައިދޭނެ އެވެ. އެއީ މޯލްޑިވިއަން، ޗައިނީޒް، ސަންސެޓް، ފްލޯރަލް އަދި ވިންޓޭޖެވެ.
ހައުސިން މިނިސްޓްރީން ބުނީ ފޯމަށް ގެނައި ބަދަލާ އެކު ކުރިން ފޯމު ނެގި މީހުން ވެސް ހުށަހަޅަން ޖެހޭނީ ފަހުގެ ފޯމު ކަމަށެވެ.
ބްރިޖުގައި ކައިވެނި ކުރާ ދުވަސްތައް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެކަމަށް އެދި ހުށަހަޅާ ފޯމުތަކަށް ބަލައި ދުވަސްތައް ކަނޑައަޅާނެ ކަމަށް ފަޒާލް ވިދާޅުވި އެވެ.
ދުއިސައްތަ މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ ސިނަމާލެ ބްރިޖުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ. މިހާރު ކުރިއަށް ދަނީ ލައިޓު ހަރުކުރުމާއި ތާރު އެޅުން ފަދަ މަސައްކަތްތަކެވެ.